Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

މި އެކްޓަރަކީ މިހާރު ޔުނިވަސިޓީ ޕްރޮފެސަރެއް

އެކްޓިން އަށް ނުކުތުމަށް ފަހު އިންޑިއާގައި ކެރިއަރު ބަދަލުކުރާ މީހުން އެހާ ގިނައެއް ނޫނެވެ. ނަމަވެސް ބައެއް ތަރިން ކެރިއަރު ބަދަލުކޮށް އެ މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވެ އެވެ. މި ފަހަރު ދައްކަން އޮތީ އެފަދަ އެކްޓަރެއްގެ ވާހަކަ އެވެ.

މިއީ ވިވެކް މަޝްރޫ އެވެ. ފަހަރުގައި މި ނަން އެހާ ރައްޓެހި ނަމަކަށް ނުވެދާނެ އެވެ. އެކަމަކު ސޮނީ ޓީވީގެ ކުރީގެ ސިލްސިލާ "ސީއައިޑީ" ބެލި މީހުން ވިކެކްގެ މަތިން ހަނދާން ހުންނާނެ އެވެ. އޭނަ އަކީ އެ ސިލްސިލާގައި ފުލުހެއްގެ ރޯލު ކުޅުނު އެކްޓަރެކެވެ. އޭގެ އިތުރުން ސްޓާ ޕްލަސް އިން ގެނެސްދިން "އައްކަޅް ބައްކަޅް ބަމްބޭ ބޯ" ގައި ވެސް ވިވެކް މަސައްކަތްކޮށްފައިވެ އެވެ.

ނަމަވެސް އެކްޓިން ދޫކޮށްލި މި އެކްޓަރަކީ މިހާރު ޕްރޮފެސެރަކެވެ. އެމެރިކާގެ މިޝިގަން ޔުނިވަސިޓީން ގްރެޖްއޭޓްވުމަށް ފަހު، އިންޑިއާގެ ތައުލީމީ ދާއިރާ އަށް ވިވެކް އަންނަނީ ހިދުމަތް ކުރަމުންނެވެ. އޭނަ މިހާރު ހުރީ ބެންގަލޫރްގެ ޕްރައިވެޓް ޔުނިވަސިޓީއެެއް ކަމަށްވާ ސީއެމްއާރްގެ ޑިޕާޓްމަންޓް އޮފް ކޮމަންް ކޯ ކަރިކިއުލަމްގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

އޭގެ ކުރިން އެހެން ބައެއް ޔުނިވަސިޓީތަކުގެ ވިޒިޓިން ޕްރޮފެސަރެއްގެ ގޮތުގައި ވެސް ވިވެކް މަސައްކަތްކޮށްފައިވެ އެވެ. އަދި މިހާރު ވެސް ބައެއް ޔުނިވަސިޓީތަކުގައި ވިޒިޓިން ޕްރޮފެސަރެއްގެ ރޯލު ވިވެކް އަންނަނީ އަދާކުރަމުންނެވެ.

އެކްޓިން އިން ގެއްލިފައިވާތާ އަހަރުތަކެއް ފަހުން ވިވެކް އަކީ ޕްރޮފެސަރެއްކަން އާންމުންގެ ސަމާލު ކަމަށް އައީ މޮނިކާ ޝަރުމާ ކިޔާ މީހަކު މިދިޔަ ބުދަ ދުވަހު ވިވެކް ފޮޓޯއަކާ އެކި ކުރި ޓްވީޓަކާ ގުޅިގެންނެވެ. އޭގައި އޭނަ ބުނީ ވިވެކް އަކީ ކޮއްކޮ ކިޔަވަމުން އަންނަ ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށާއި މިއީ ސަމާސާ ވާހަކައެއް ނޫން ކަމަށެވެ.

މި ޓްވީޓާ އެކީ އެތައް ބައެއްގެ ސަމާލުކަން ލިބުމުން ޝުކުރު އަދާކޮށް ވިވެކް ވެސް ޓްވީޓެއްކޮށްފައި އެވެ. އޭގައި އޭނަ ބުނީ ލިބުނު ލޯތްބާއި ހިތްހެޔޮ ބަސްތައް ހިތުގެ އެންމެ ފުންމިނުން ބަލައިގަންނަ ކަމަށެވެ.