Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

"އިމަޖެންސީ" އަށް އާ ތާރީހެއް، ޓީޒާއެއް

ބަތަލާ ކަންގަނާ ރަނާވަތު ޑައިރެކްޓްކޮށް، ކުޅުނު ފިލްމު "އިމަޖެންސީ" ރިލީޒްކުރާ ތާރީހު ބަދަލުކޮށް، އޭގެ ޓީޒާއެއް މިއަދު ދައްކާލައިފި އެވެ.

ކުރިން މި އަހަރުގެ އޮކްޓޯބަރު 20 އަށް ތާވަލުކުރި ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ނޮވެމްބަރު 24 ގަ އެވެ. ތާރީހަށް ބަދަލު ގެނައީ އެހެން ފިލްމުތަކެއް އޮކްޓޯބަރު 20 ގައި ގެނެސްދޭން ނިންމުމާ ގުޅިގެންނެވެ.

"އިމަޖެންސީ" މިހާރު އޮތީ ޝޫޓިން ނިންމައި ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގަ އެވެ. މީގައި ކަންގަނާ ކުޅެފައި ވަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލެވެ. "އިމަޖެންސީ" ގެ ވާހަކަ ބިނާކޮށްފައި ވަނީ އެކަމަނާގެ ވެރިކަމުގައި ޖޫން 25، 1975 ގައި ގައުމުގައި އިއުލާންކުރި ކުއްލި ހާލަތާއި އޭގެ ސަބަބުން އުފެދުނު ސިޔާސީ ކޯޅުންތަކާ އެކީ އިންޑިއާގެ މަސްރަހު ހޫނުވެގެން ދިއުމުގެ މައްޗަަށެވެ.

މި އަހަރު އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އިމަޖެންސީ" އަކީ ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާގެ އަމިއްލަ ފިލްމު ކުންފުނި މަނިކަރްނިކާ އިން ބެލުންތެރިންނަށް ގެނެސްދޭ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ އިއްޔެ އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ޓީކޫ ވެޑްސް ޝޭރޫ" އެވެ.

"އިމަޖެންސީ" ގެ ކާސްޓްގައި އަނޫޕަމް ކޭރް، މަހީމާ ޗައުދަރީ، މިލިންދު ސޯމަން އަދި ޝްރެޔަސް ތަލްޕަޅޭ އަދި މަރުވެފައިވާ އެކްޓަރު ސަތިޝް ކޯޝިކް ވެސް ހިމެނެ އެވެ.