Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ނަރުސްކަމަށް ހަދާ ޓެސްޓުގެ ނަތިޖާ އޮޅުވާލާ މައްސަލައެއް

އޭއީއެޗްގެ ނަރުހުންތަކެއް.

މޯލްޑިވްސް ނާސިންގް އެންޑް މިޑްވައިފަރީ ކައުންސިުން ކުރިއަށް ގެންދާ ކޮމްޕިޓެންސީ އެގްޒާމުގެ ސައްޙަ ނޫން ލިޔެކިއުން ކައުންސިލަށް ހުށަހަޅާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެކައުންސިލުން ކުރިއަށް ގެންދާ ކޮމްޕިޓެންސީ އެގްޒާމް އަކީ ރާއްޖޭގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދިވެއްސެއް އަދި ބިދޭސީއެއްވެސް ހަދަން މަޖުބޫރު އިމްތިހާނެކެވެ. މި އިމްތިހާނުން ފާސްވުމުން ރާއްޖޭގައި ނަރުސްކަން ކުރުމުގެ ލައިސެންސް ދޫކުރެއެވެ. މިފަދަ މައްސަލައެއް ފެންމަތިވެފައިވާކަން އެކައުންސިލުން ހާމަކޮށްފައިވަނީ، އެކަމާއި ގުޅިގެން ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައެވެ.

އެގޮތުން މި ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި، މިފަހަކަށް އައިސް އެކައުންސިލުގެ ރެޖިސްޓްރީ ވުމަށް ހަދާ ކޮމްޕިޓެންސީ އެގްޒާމުގެ ސައްޙަ ނޫން ލިޔެކިއުންތަކެއް ކައުންސިލަށް ހުށަހަޅާ މައްސަލަ ވަނީ ފާހަގަވެފައި ކަމަށެވެ. އަދި ސަރުކާރުގެ އިދާރާއަކުން ދޫކުރާ މިފަދަ ލިއުމެއް ބަދަލުކޮށްގެން މިގޮތަށް ހުށަހެޅުމަކީ ކައުންސިލުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

އެ ކައުންސިލުން ވަނީ ސިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުން ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން، މިފަދަ ޢަމަލެއް ކުރާ ފަރާތެއްގެ ރެޖިސްޓްރޭޝަން އަދި ޕްރެކްޓިސިންގް ލައިސެންސް ހިފަހައްޓައި ނުވަތަ ބާތިލް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އެހެން ކަމުން މިފަދަ ޢަމަލުތަކުން ނަރުހުން ދުރުވުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ނާސިންގް އެންޑް މިޑްވައިފަރީ ކައުންސިލުން މި އިމްތިޙާނު ކުރިއަށް ގެންދަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީއާއި ގުޅިގެންނެވެ. އެގޮތުން އެމްއެންޔޫގެ އަތޮޅުތެރޭގައި ހުރި ކެމްޕަސްތަކުން އިމްތިޙާނުގައި ބައިވެރިވެއެވެ. މި އިމްތިހާނު ކޮންމެ މަހަކު އެއްފަހަރު ކުރިއަށް ގެންދާ ގޮތަށް ކުރިއާލާ އިމްތިހާނު ޝެޑިއުލް ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ އާންމު ކުރެވިފައެވެ.