ރައްޔިޔުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު، ދިރިއުޅުއްވަން ދައުލަތުން ހަމަޖައްސައި ދީފައިވާ ގެ މުރައިދޫގެއިން މާދަމާ ނުކުންނަވަން ތައްޔާރުވެވަވަޑައިގަންނަވަން ފައްޓަވައިފި އެވެ.
އެ ވާހަކަ ނަޝީދުގެ އާއިލީ ބޭފުޅަކު ޓްވިޓާގައި ވެސް ފޮޓޯތަކަކާ އެކީ ހިއްސާކުރައްވާފައިވެ އެވެ.
ނަޝީދު މުރައިދޫގެއިން ނުކުންނަވަން ނިންމެވީ އެމްޑީޕީން އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި އެކަމުގެ 14 ދުވަހުގެ ނޯޓިސް މަޖިލިހުން ދިނުމާ ގުޅިގެންނެވެ. އެ ނޯޓިހުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ އެވެ.
Back to Kenereyge pic.twitter.com/nStigwyW83
— Ehabkalhey (@EhabAbdulla81) June 24, 2023
އެހެންވެ އެކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައ ނަޝީދު ވިދާޅުވެފައި ވަނީ ނޯޓިސް ހަމަވާ އިރަށް މުރައިދޫގެއިން ނުކުންނަވާނެ ކަމަށާއި އެ މަނިކުފާނު މި މަހުގެ 26 ގެ ފަހުން ދިރިއުޅުއްވަމުން ގެންދަވާނީ ގ. ބޭރުވެލީގައި ކަމަށެވެ.
ނަމަވެސް ނަޝީދުގެ އާއިލާ ބޭފުޅާ އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ނަޝީދު ދެން ބަދަލުވެވަޑައިގަންނަވާނީ އާއިލާ ގެކޮޅު ކެނެރީގެއަށް ކަމަށެވެ.
މިދިޔަ އަހަރުގެ މެއި 6 ގައި ނަޝީދު އަވަހަރާކޮށްލަން ކެނެރީގޭ ގޯޅިކަންމަތީގައި ދިން ހަމަލާގެ ކުރިން ވެސް ނަޝީދު ދިރިއުޅުއްވަމުން ގެންދެވީ އެ ގޭގަ އެވެ، ނަޝީދު ދިރިއުޅުއްވަން މުރައިދޫގެ ހަމަޖައްސައި ދިނީ އެ ހަމަލާގެ ފަހުން ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ.
ނަޝީދު މަޖިލީޖުގެ ރައީސްކަމުން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައި ވަނީ 54 މެމްބަރެއްގެ ސޮޔާ އެކީ އެވެ. ނަމަވެސް ނަޝީދު ވިދާޅުވެފައި ވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި އެ މަނިކުފާނު ވަނީ މިދިޔަ ބުދަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.