މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ޖުގް ޖުގް ޖިއޯ" ގެ ސީކްއެލްއެއް ހަދާނެކަމުގެ ޔަގީންކަން އެ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް ދީފި އެވެ.
އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ އޭނަ ބުނީ ފިލްމެއްގެ ދެވަނަ ބައެއް ހަދާ ނަމަ އެ ފިލްމަކީ އަމިއްލަ ފިލްމު ކުންފުނި، ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ އަހަރު ގެނެސްދިން ފެމިލީ ކޮމެޑީ ޑްރާމާ "ޖުގް ޖުގް ޖިއޯ" ކަމަށެވެ. ކައިވެނީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮޕށް ހެދި މި ފިލްމަކީ ރާޖް މެހެތާގެ ޑައިރެކްޝަނެކެވެ. ފިލްމުގެ މައިގަނޑު ތަރިންނަކީ ވަރޫން ދަވަނާއި ކިއާރާ އަދުވާނީ އާއި އަނިލް ކަޕޫރާއި ނީތޫ ސިންގް އާއި މަނީޝް ޕޯލްގެ އިތުރުން ޕްރަޖަކްތާ ކޯލީ އެވެ.
"ޖުގް ޖުގް ޖިއޯ" ގެ ސީކްއެލްއެއް ހަދާނެކަމުގެ ޔަގީންކަން ކަރަން ދިން އިރު، މީގެ ކާމިޔާބީއާ ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައި ވެސް ސީކްއެލްއަކަށް ޕްލޭން ކުރަމުން އަންނަ ވާހަކަ ބައެއް މީޑިއާތަކުން ރިޕޯޓްކުރި އެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2019 ގެ "ގުޑް ނިއުސް" ވެސް ގެނެސްދިން ރާޖް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ މިދިޔަ ފެބްރުއަރީގައި ދަރުމާ އިން ގެނެސްދިން "ސެލްފީ" އެވެ.
އެ ސްޓޫޑިއޯގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 28 ގައި ރިލީޒްކުރާ އަދި ކަރަން ޑައިރެކްޓްކުރި "ރޮކީ އޯރް ރާނޫ ކީ ޕްރޭމް ކަހާނީ" އެވެ.