ރިޔާސީ އިންތިހާބު ބާއްވަން ދެ މަހެއްހާ ދުވަސްވީ އިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު އޮތީ އިލެކްޝަން ކޮމިޝަން (އީސީ) ހިސޯރުކޮށްފައި ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
ދާދި ފަހުން އެމްޑީޕީން ވަކިވެވަޑައިގެން އަލަށް އުފައްދަން ހުށަހަޅާފައިވާ ޕާޓީ، ދެ ޑިމޮކްޓްސް އަށް ސޮއިކޮށްފައިވާ މެމްބަރު މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތު ކުރަމުންނެވެ. އަދި ސަރުކާރު ބޭނުންވާ ގޮތަށް އިންތިހާބުގެ ނަތީޖާ އަނބުރާލަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.
ރިޔާސީ އިންތިޚާބަށް 2 މަހެއްހާ ދުވަސް. @ibusolih އެވަނީ އިލެކްޝަންސް ކޮމިޝަން ހިސޯރުކޮށް ހުއްޓުވާފައި.
— Waddey (@waddey_) June 24, 2023
ޑިމޮރްކެޓްސް އަށް ނިސްބަތްވާ މީހުން ތުހުމަތުކުރާ ގޮތުގައި އެ ޕާޓީ ރަޖިސްޓްރީކޮށް ދިނުން އީސީން ހުއްޓިފައި އޮތީ ވެސް ސަރުކާރުގެ ނުފޫޒާ ހެދި އެވެ.
ނަމަވެސް އެފަދަ ތުހުމަތުތައް ސަރުކާރުން ދޮގުކުރެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 ގަ އެވެ.
އީސީން މިހާރު ވަނީ އިންތިހާބަށް ވާދަކުރަން އަންނަ މަހުގެ 23 ގައި ހުޅުވާލަން ނިންމައިފަ އެވެ. އެގޮތުން ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އޮގަސްޓް 7 އާ ހަމައަށެވެ.