ލޭއޮހޮރުވަން ބޭނުން ނުވާކަމަށް ބުނެ ވެގްނާ ގްރޫޕުން ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ނުގޮސް، ރޮސްތޮވް އޮން ޑޮން ސިޓީގައި ހިފާފައިވާ އަސްކަރީ މަރުކަޒު ދޫކޮށްލައިފިއެވެ.
ރަޝިޔާ – ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާގެ ސަރުކާރަށް އެހީތެރިވެދޭ އަދި ހަނގުރާމަ ކޮށްދޭ ކުލީ ސިފައިންގެ ގްރޫޕެއް ކަމަށްވާ 'ވެގްނާ'އިން ރަޝިޔާގެ އަސްކަރިއްޔާގެ ވެރިންނާ ދެކޮޅަށް ބަގާވަތެއް ފަށާފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ ރަޝިޔާގެ ސިޓީއެއް ކަމަށްވާ ރޮސްތޮވް އޮން ޑޮންއަށް ވަދެ އެސިޓީގެ އަސްކަރީ މަރުކަޒު ވަނީ ވެގްނާގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މީގެއިތުރުން ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ވެރިންނާ ދެކޮޅަށް ހަނގުރާމަކުުރުމަށް ރަޝިޔާގެ މޮސްކޯއަށްވެސް ދަތުރު ފެށިއެވެ.
އެހެންނަމަވެސް ވެގްނާ ގްރޫޕުގެ ވެރިޔާ ޔެވްގެނީ ޕްރިގޯޝިންއާ ވެގްނާގެ ޓެލެގްރާމް ޗެނަލްގައި ބުނެފައިވަނީ މޮސްކޯއާ 200 ކިލޯމީޓަރާ ގާތަށް ދެވުނު ކަމަށާއި އެހެންނަމަވެސް ލޭއޮހޮރުވުމަކަށް ދާން ބޭނުންނުވާތީ މޮސްކޯއަށް ދިއުމުގެ ބަދަލުގައި އަނބުރާލާ ކޭމްޕްތަކަށް ދާން ނިންމީ ކަމަށެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ވެގްނާ ގްރޫޕުން މޮސްކޯއަށް ހަމަލާނުދީ މިސްރާބު އަނބުރާލީ އަދި ހިފާފައިވާ އަސްކަރީ މަރުކަޒު ދޫކޮށްލީ ބެލަރުސްގެ ރައީސް މެދުވެރިވެގެން ކުރެވުނު މަޝްވަރާތަކަކަށް ފަހުއެވެ.
ޔޫކްރައިންގެ ސަރަހައްދުތަކުގެ ތެރޭގައި ރަޝިޔާއަށް ހަނގުރާމަކޮށްދެމުން ދިޔަ ވެގްނާ ގްރޫޕުން ރަޝީޔާގެ އަސްކަރިއްޔާގެ ވެރިންނާ ދެކޮޅަށް ބަގާވާތެއް ފެށީ އަސްކަރިއްޔާއިން ވެގްނާ ގްރޫޕަށް އެހީތެރިކަން ނުލިބޭކަމުގެ ތުހުމަތުތަކެއް ކުރެވުމަށްފަހުއެވެ. އެގޮތުން ރަޝިޔާ އަސްކަރިއްޔާއިން ވެގްނާ ގްރޫޕަށް ބޭނުންވާ ހަތިޔާރާއި ވަޒަން ފޯރުކޮށްނުދޭތީ އެކަމުގެ ކަންބޮޑުވުން އަދި ނުރުހުން ވެގްނާ ގްރޫޕުގެ ވެރިޔާ ޔެވްގެނީ ޕްރިގޯޝިން ވަނީ މީގެކުރިން ފާޅުކޮށްފައެވެ. އަދި ވެގްނާގެ ހަނގުރާމަވެރިންތަކަކަށް ރަޝީޔާގެ އަސްކަރިއްޔާއިން ހަމަލާދިން ކަމަށްވެސް ޕްރިގޯޝިން ތުހުމަތު ކޮށްފައިވެއެވެ.