ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މެންދުރު 12:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި ގުގުރައި ގަޑިއަކު 19-24 މޭލަށް ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދެވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ކުރިއޮށް އޮތީ އީދު ބަންދަށްވުމާއި އަދި ސްކޫލް ބޮޑު ޗުއްޓީ ވެސް މިހާރު ފެށިފައިވާތީ މި ދުވަސްވަރު ރާއްޖޭގެ ކަނޑުމަގުން ކުރާ ދަތުރުތައް ވެސް އިތުރާވާނެތީ މޫސުމަށް ބަލައިގެން ދަތުރުކުރަން ކަމާބެހޭ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ވެސް ކުރަމުންނެވެ.