Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ޖާބިރު އެމްޑީޕީ އަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު އެމްޑީޕީ އަށް ސޮއިކުރައްވައިފި އެެވެ.

އޭނަ އެމްޑީޕި އަށް ސޮއިކުރަން ބޭއްވި ހަފުލާފައި ފޯމް ހަވާލުކޮށް ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެވެ. އެ ހަފުލާގައި އެމްޑީޕީފެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ބައިވެރިވެވަޑައިގެމް ޖާބިރަށް މަރުހަބާ ވިދާޅުވި އެވެ.

ޖާބިރު އެމްޑީޕީއާ ގުޅިވަދައިގަތް އިރު، އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި ތިއްބެވި މަޖިލީހުގެ 12 މެމްބަރަކު އެމްޑީޕީން ވަކިވެވަޑައިގެންފައިވެ އެވެ. އަދިި އެ ބޭފުޅުން މިހާރު ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީކުރަން އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފަ އެވެ.

މަޖިލިސް މެމްބަރުންތަކެއް މެމްބަރަކު އެމްޑީޕީން ވަކިވެވަޑައުގަތުމާ ގުޅިގެން އެމްޑީޕީ އަށް ވަނީ މަޖިލީހުގެ ސުޕަ މަޖޯރިޓީ ގެއްލިފަ އެވެ. ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ މި މަހުގެ 21 ގަ އެވެ.

ޖާބިރަކީ ދާދި ފަހުން އުވައިލި ޑީއާރްޕީގެ ކުރީގެ ލީޑަރެވެ. އޭނަ ކުރިން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި ވެސް އުޅުއްވި އެވެ.

މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ޖޭޕީން ވަކިވެވަޑައިގެން އެޕްރީލް މަހުގެ ތެރޭގައި އެމްޑީޕީއާ ގުޅިވަޑައިގެންފައިވެ އެވެ. އެމްޑީޕީ އަކީ މިހާރު ވެސް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެވެ.