ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަބަދުވެސް އުޅެނީ އެބޭފުޅާއަށް މޮޅުވާނެ ގޮތް ހޯދަން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރާއީ މިފަދައިން ވިދާޅުވެ ޤާސިމަށް ރައްދު ދެއްވާފައިމިވަނީ ޤާސިމް، ރައިސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ.
އެގޮތުން ރާއީ ވިދާޅުވީ ހިތުހުރިހާ އެއްޗެއް ވިދާޅުވަމުން ގެންދަވާއިރު، ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ފަރާތްތައް އިސްތިއުފާދޭން ވިދާޅުވުން ރަނގަޅު ވާނެ ކަމަށެވެ. އަދި ގައުމަށާއި ރައްޔިތުންނަށޭ ކިޔުއްވައިގެން ޤާސިމް އަބަދުވެސް އުޅުއްވަނީ އެބޭފުޅާއަށް މޮޅުވާނެ ގޮތް ހޯދުމަށް ކަމަށްވެސް ރާއީ ވިދާޅުވިއެވެ.
"ހިތު ހުރިހާ އެއްޗެއް ވިދާޅުވަމުން ގެންދަވާއިރު، ވިދާޅުވާން ވީނުތޯ އަޅުގަނޑުގެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ފަރާތްތައް މިހިނދުން މިހިނދަށް އިސްތިއުފާދޭން، ނޫނީ ގެއަށް ކަނޑާލާން، ނުކެރޭނެ. އަރާނެ ގޮޅިއެއް އަދިވެސް ނުނިންމޭ. ގައުމަށާއި ރައްޔިތުންނަށޭ ކިޔުއްވައިގެން، އަބަދުވެސް ކޮބައިތޯ މަށަށް މޮޅުވާނެ ގޮތް ހޯދުމުގައި." ރާއީގެ ޓްވީޓްގައިވެއެވެ.
ޖޭޕީން އިއްޔަ ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި "މަރުތަޅު" އެޅުވުމުގެ ޒިންމާ ރައީސް ސޯލިހު ނަންގަވަންޖެހޭނެ ކަމަށާއި އެކަން ކުރީ ސީދާ ރައީސް ސޯލިހު ނިސްބަތްވެވަޑައިގަންނަވާ ޕާޓީން ކަމަށެވެ. އަދި މަޖިލިސް "މަރުތަޅު" އަޅުވާފައި ނުބޭއްވޭނެ ކަމަށާއި "ހިތި ބޭސް" ވެސް ރައީސް ފަރިއްކުޅުއްވަންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
އަދި ރައީސް ސޯލިހު މިހާރު ހައްދަވަނީ ގޯސް މައްޗަށް ގޯސް ކަމަށާއި މިހާރު ރަނގަޅު ވާނީ "ގެއަށް ކަނޑާލުން" ކަމަށްވެސް ވިދާޅުވިއެވެ.