Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ގާސިމަށް ރައްދު: ކޯފާވިއަސް ހުންނާނީ ގާނޫނީ އިމުގެތެރޭގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޤާސިމް އިބްރާހިމް- ފޮޓޯ: ރައީސް އޮފީސް

ބައެއް ބޭފުޅުން ކިތަންމެ ކޯފާވެގެން އުޅުއްވިނަމަވެސް ހުންނާނީ ޤާނޫނީ އިމުގެ ތެރޭގައި ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމަށް ރައްދު ދެއްވައިފިއެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެމްޑިޕީއަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ރާއްޖޭގެ މީޑިއާއަކާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ އިއްޔަ ޤާސިމް ދެއްކެވި ވާހަކައާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވާފައެވެ.

ޖޭޕީން އިއްޔަ ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަމުން ގާސިމްގެ ފާޑުކިޔުން ރައީސަށް އަމާޒުކޮށްފައި ވަނީ ގާސިމްގެ ވިލާ ކުންފުނިން ވިއްކަން އުޅުނު ކ. ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވާ ދަނޑިވަޅެއްގައެވެ. އޭސީސީން ވާވެއްދިފަޅު ވިއްކުން ހުއްޓުވީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. މިއީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ މި މައްސަލައިގެ އިތުރު ތަފްސީލެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

ޤާސިމްގެ ވާހަކަތަކާ ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ސޯލިހް ވިދާޅުވީ ވެރިކަމުގައި ހޭދަކުރި ދުވަސްތަކުގައި މިހާތަނަށްވެސް އަމަލުކުރަމުން އައިސްފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ އިމުގެ ތެރެއިން ކަމަށެވެ. އަދި އޭގެން ބޭރަށް ނުދާނެކަމަށް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑު މަސައްކަތް ކުރާނީ ޤާނޫނުއަސާސީއާ ޤާނޫނުގެ އިމުގެ ތެރޭގައި." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އާއިލާގެ ބޭފުޅެއް ކަމަށްވިއަސް އަދި ޕާޓީ އަށް ނިސްބަތްވި ކަމުގައިވީނަމަވެސް އަދި ކިތަންމެ ގާތްކަމެއް އޮތްނަމަވެސް ޤާނޫނުއަސާސީއާއި ޤާނޫނުގެ ތަރަހައިން ބޭރަށް ނުދެވޭނެކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް އެބޭފުޅުން ކުރިއަށް ގެންދަވާނެ ކަަމަށާއި އޭގެތެރެއަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު މިހާތަނަށްވެސް ކުރެއްވި ކަމެއް ނޫން ކަމަށާއި އަދި ދެންވެސް އެކަން ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

ގާސިމްގެ ވިލާ ކުންފުނިން ވިއްކަން އުޅުނު ކ. ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވާ މައްސަލައާ ގުޅޭގޮތުން ރައީސް ސޯލިހް އިތުރަށް ވިދާޅުވީ އެ މައްސަލައިގައިވެސް ހުންނަވާނީ ޤާނޫނީ އިމުގެ ތެރޭގައި ކަމަށެވެ.

"އެ މައްސަލައިގައިވެސް އަޅުގަނޑު ހުންނާނީ ޤާނޫނީ އިމުގެ ތެރޭގައި، ޤާނޫނުން ބޭރަށް ނުދާނަން. އެއީ ކޮންމެ ބޭފުޅަކު ކިތަންމެ ކޯފާވެގެން ވާހަކަ ދެއްކެވިއަސް އެއީ އެބޭފުޅެއްގެ ކަމެއް. އެކަމަކު އަޅުގަނޑެއް ހަމަގައިމުވެސް އިރާދަކުރެއްވިއްޔާ ޤާނޫނުއަސާސީން ބޭރަކަށް ނުދާނަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

އިއްޔަ ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި "މަރުތަޅު" އެޅުވުމުގެ ޒިންމާ ރައީސް ސޯލިހު ނަންގަވަންޖެހޭނެ ކަމަށާއި އެކަން ކުރީ ސީދާ ރައީސް ސޯލިހު ނިސްބަތްވެވަޑައިގަންނަވާ ޕާޓީން ކަމަށެވެ. އަދި މަޖިލިސް "މަރުތަޅު" އަޅުވާފައި ނުބޭއްވޭނެ ކަމަށާއި "ހިތި ބޭސް" ވެސް ރައީސް ފަރިއްކުޅުއްވަންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ރައީސް ސޯލިހު މިހާރު ހައްދަވަނީ ގޯސް މައްޗަށް ގޯސް ކަމަށާއި މިހާރު ރަނގަޅު ވާނީ "ގެއަށް ކަނޑާލުން" ކަމަށްވެސް ވިދާޅުވިއެވެ.