ރާއްޖޭގެ ޒުވާނުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދެކެނީ އެމީހުންގެ ލީޑަރުގެ ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ޖާބިރު އެމްޑީޕީއަށް ސޮއި ކުރުމަށްފަހު ރާއްޖޭގެ މީޑިއާއަކާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ޖާބިރު އެމްޑީޕީއާ ގުޅުމަކީ އެމްޑީޕީއަށާއި އެމަނިކުފާނަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް އަދި ކުރިއެރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި ޖާބިރުގެ ހިއްސާ ވަރަށް ބޮޑަށް ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
2018 ވަނަ އަހަރުވެސް އިންތިހާބު ކާމިޔާބު ކުރުމުގައި ޖާބިރު ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެ އިންތިހާބު ކާމިޔާބު ކުރުމުގައި ޖާބިރު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ޖާބިރުގެ ފޯރީގައި ނިކުތުމުން ވަރަށް ގިނަ ބައެއްގެ ތާއީދު ލިބޭނެ ކަމަށާއި ޖާބިރަކީ ޒުވާނުން ލީޑަރެއްގެ ގޮތުގައި ބަލައިގަންނަ ފަރާތެއް ކަމަށް ވިދާޅުވިއެވެ.
"އޭގެ ތަޖުރިބާގައި އަޅުގަނޑަށް ކެރޭ މިއަދުވެސް ދަންނަވަން ޖާބިރުގެ އެ ފޯރީގައި އެ ޖޯށާއެކީގައި ނިކުމެވަަޑައިގަތީމައި ވަރަށް ބޮޑު ކާމިޔާބެއް ވަރަށް ގިނަބައެއްގެ ލިބިގެންދާނެ. ހާއްސަކޮށް މިއަދުގެ ޒުވާނުން ދެކޭގޮތުގައި، އެކުދިންގެ ތެރޭގައި ޖާބިރަކީ ހަމަ އެމީހުންގެ ލީޑަރުގެ ގޮތުގައި ބަލައިގެންފައި ހުރީ." ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ އިތުރު މަޖިލިސް މެންބަރުންވެސް އަދި ސިޔާސީ ކަންކަމުގައި އިސްސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅުންވެސް އެމްޑީޕީއަށް ގުޅުމަށް ތައްޔާރަށް ތިއްބެވި ކަމަށެވެ.