Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޑިމޮކްރެޓްސް އަށް ހުއްދަ ދިނުމުން ގާސިމްގެ މަރުހަބާ ނަޝީދަށް

ރައީސް މުހައްމަދު ނަޝީދު އަދި ޤާސިމް އިބްރާހިމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން އިސްވެ ތިއްބަވާ އުފައްދަވާ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިއަދުއެވެ.

އެކަމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ޤާސިމް ވިދާޅުވީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކަމިޝަނުން މިއަދު ހުއްދަދެއްވުމާ ގުޅިގެން ރައީސް މުހައްމަދު ނަޝީދަށާއި އެޕާޓީ އުފެއްދެވުމުގައި އުޅުއްވާ އެންމެހާ ބޭފުޅުންނަށާއި، ރާއްޖޭގެ އިސްލާހަށާއި ޑިމޮކްރަސީ އާއި ހެޔޮވެރިކަމަށްޓަކައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އަދި މިހުއްދަ ދެއްވުމަކީ އިލްކްޝަންސް ކޮމިޝަނުން ޤާނޫނީ ވާޖިބު އަދާކުރެއްވުމުގައި ކުރިއަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމުގައި ދެކި، ކޮމިޝަނުގެ ވެރިންނަށްވެސް ޤާސިމް މަރުޙަބާ ދަންނަވާފައިވެއެވެ.

ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ ފަރާތްތަކުން އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީއެކެވެ. ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ 2023 މެއި 24 ވަނަ ދުވަހުއެވެ. ހަފްތާއެއްގެ ތެރޭގައި ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށް ޖޫން 1 ގައި 3560 ފޯމު އެ ޕާޓީން އީސީއަށް ހުށަހަޅާފައިވެއެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އަދި ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފައެއް ނުވެއެވެ.