Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ބަންގްލަދޭޝް އިން ރާއްޖެ ބަލިކޮށްފި

އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ބަންގްލަދޭޝް އިން 3-1 އިން ރާއްޖެ ބަލިކޮށްފި އެވެ.

މި ނަތީޖާއާއެކު ރާއްޖެ އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ގްރޫޕް ބީގެ ތިންވަނައިގަ އެވެ. ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެން ބަންގްލަދޭޝް ގްރޫޕްގެ ދެވަނައިގައި އޮތީ ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. މި ގްރޫޕްގައި މިރޭ ލުބްނާން އާއި ބޫޓާން ބައްދަލުކުރާއިރު މި މެޗުން މޮޅުވެއްޖެ ނަމަ ލުބްނާނަށް ސެމީގެ ޖާގައެއް ކަށަވަރުވާނެ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ރާއްޖެ އިންނެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) މި ގޯލު ކާމިޔާބު ކުރީ ބަންގްލަދޭޝްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަަނަށް އަމާޒުކޮށްލައިގެންނެވެ. މި ގޯލަށްފަހު ބަންގްލަދޭޝް އިން ކުރިއަށް ޖެހިލައިގެން ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންދިޔައިރު މެޗުގެ 42 ވަނަ މިނެޓްގައި ރާކިބް ހުސައިންގެ ގޯލުން ބަންގްލަދޭޝް އިން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފް ޑޮމިނޭޓްކޮށްގެން ކުޅެފައިވަނީ ބަންގްލަދޭޝް އިންނެވެ. އެގޮތުން މެޗުގެ 67 ވަނަ މިނެޓްގައި ބަންގްލަދޭޝްގެ ތާރިގު ރައިހާން ކާޒީ އެޓީމަށް ލީޑު ނަގައިދިން އިރު ބަންގްލަދޭޝްގެ ފަހު ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ޝެއިޚް މޯސަލިން އެވެ.

މިއީ 2003 ވަނަ އަހަރަށް ފަހު ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.

ގްރޫޕްގެ ފަހު މެޗުގައި އަންނަ ބުދަ ދުވަހު ރާއްޖެ ނިކުންނާނީ ލުބްނާންއާ ދެކޮޅަށެވެ. ބަންގްލަދޭޝް ކުޅޭނީ ބޫޓާންއާ އެވެ.