Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ޖާބިރުގެ ފަރާތުން އެމްޑީޕީ އަށް ވާނީ ގެއްލުން: ޒައިދު

ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެކަމުގެ ސަބަބުން އެ ޕާޓީ އަށް ވާނީ ގެއްލުން ކަމަށް ވިދާޅުވެ ޝެއިހް އަލީ ޒައިދު ނުރުހުން ފާޅުރައްވައިފިި އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާސިގުންގެ ފަރާތުން ލިބޭނީ ގެއްލުމާއި ހަލާކު ކަމަށެވެ.

"އެއީ އެ [ކާށިދޫ ދާއިރާ] ދާއިރާއަށާއި މުޅި ގައުމަށް ވެސް ހުރި ހުތުރެއް. ކެސީނޯ އަށް ވަކާލާތުކުރާ މީހުންނަކީ މުޖުތަމަޢުގައި ފަސާދަ އުފައްދަން ބޭނުން މީހުން،" ޒައިދު ވިދާޅުވި އެވެ. "ﷲ ޙަރާމްކުރެއްވި ޖުވާ ނުފެތުރިގެން އުޅޭ މީހުންނަކީ ފާސިޤުން."

އެމްޑީޕީ އަށް މިއަދު ސޮއިކުރައްވައި ޖާބިރު ވިދާޅުވީ އެ ޕާޓީއާ ގުޅިވަޑައިގެންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދަވައި ދެއްވަން ކަމަށެވެ.

“އަޅުގަނޑަށް 100 ޕަސެންޓް ޔަގީން މި އިންތިހާބު ކާމިޔާބުވާނެ ކަމަށް. އަޅުގަނޑުގެ ފުލް ކެޕޭސިޓީގައި މަސައްކަތް ކުރާނަން." އޭނަ ވިދާޅުވި އެވެ.