Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ފަރާގެ އާ ފިލްމުގައި ޝާހްރުކް

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން އާ ފިލްމަކަށް މިހާރު ރައްތާރުވަމުން އަންނަ ކަމަށާއި އެ ފިލްމުގެ ބަތަލަކި ޝާހްރުކް ޚާން ކަމަށް ރިޕޯޓްތައް ބުނެފި އެވެެ.

މިޑް-ޑޭ އިން ބުނީ މި ފިލްމު ޕްރޮޑިއުސްކުރާނީ ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ކަމަށާއި މިހާރު އެކަމުގެ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައިވާ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ޝާހްރުކާއި ފަރާ ވެސް އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ މި ދެ މީހުންނަކީ ވަރަށް ގާތް ދެ އެކުވެރިންކަމެވެ. ފަރާ ޑައިރެކްޝަނަށް ނުކުތީ ވެސް ޝާހްރުކް ކުޅުނު ފިލްމަކުންނެވެ. އެއީ 2004 ގެ "މޭ ހޫ ނާ" އެވެ. އޭގެ ފަހުން ފަރާގެ 2007 ގެ "އޯމް ޝާންތީ އޯމް" އާއި 2014 ގެ "ހެޕީ ނިއު އިޔާ" ގެ ބަތަލަކީ ވެސް ޝާހްރުކެވެ.

ޝާހްރުކްގެ ރެޑް ޗިލީޒްއާ ގުޅިގެން ފިލްމެއް ހަދަން ފަރާ ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އިރު، ޑައިރެކްޓަރު/ޕްރޮޑިއުސަރު ރޯހިތު ޝެޓީގެ ފިލްމު ކުންފުންޏަށް ފިލްމެއް ހަދަން 2019 ގައި ފަރާ އެއްބަސްވުމެއް ހަދައި އެކަން އިއުލާންކުރި އެވެ. އެކަމަކު ފަހުން އޭގެ އެއްވެސް އަޕްޑޭޓެއް ނެތެވެ.

ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" އަށް ފަހު ޝާހްރުކްގެ އިތުރު ދެ ފިލްމެއް މި އަހަރަށް އަދި އެބައޮތެވެ. އެއީ އޮކްޓޯބަރަށް ތާވަލުކޮށްފައި އޮތް، ޑައިރެކްޓަރު އެޓްލީގެ "ޖަވާން" އާއި ޑިސެމްބަރަށް އޮތް، ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ "ދުންކީ" އެވެ.