Last Updated: July 19, 18:01
Sunday, July 19, 2026
ދުނިޔެ

ޗައިނާގެ އާ ކެއުމަކީ "ހަނާކުރި ހިލަ"

އޭޝިއާ ބައެއް ގައުމުތަކަކީ ކެއުމުގެ ވައްޓަފާޅީގައި ވަރަށް އާދަޔާހިލާފު ކަންކަން ގެންގުޅޭ ގައުމުތަކެވެ. އެގޮތުން ޗައިނާ އަކީ މިކަމަށް އަރާ ހުރި ގައުމެކެވެ. ދެހާސް ނަވާރައިގެ ފަހުކޮޅު މުޅި ދުނިޔޭގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރުން ފެށުމާ އެކީ، އެންމެ ބާރަށް ފެތުރުނު އެއް ވާހަކަ އަކީ އެއީ ޗައިނާގައި ވާލުމަސް ކައިގެން އުފަންވި ބައްޔެއްކަމުގެ ވާހަކަ އެވެ.

އެކަމަކު އެ ވާހަކައިގެ ތެރެއަށް ދާން މި ވަގުތަކު މުހިއްމެއް ނޫނެވެ.

މި ފަހަރު މާ މުހިއްމުވެގެން އުޅެނީ ޗައިނާގައި އަނެއްކާ ވެސް "އާ ވައްތަރެއް" ގެ ކެއުމެއް ތައާރަފުވެގެން އުޅޭ ވާހަކަ އެވެ. މީގެ ވާހަކަ ސޯޝަލް މީޑިއާގައި ވީޑިއޯތަކާ އެކީ މިހާރު އަންނަނީ ދެކެވެމުންނެވެ. މި ފަހަރުގެ މި ކެއުމަކީ "ސޯޑިއޯ" އެވެ. އަހަރެމެން ތިލަކޮށް މި ކެއުން ސިފަކުރާ ނަމަ ބުނެވޭނީ މިއީ "ހަނާކުރި ހިލަ" އޭ އެވެ. މި ކެއުން ތައާރަފުވެގެން އުޅެނީ ޗައިނާގެ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ހޫބޭއިންނެވެ.

"ސޯޑިއޯ" ގެ މާނަ އަކީ ލޮއިލާފާއި އުކައިލުމެވެ. މި ކެއުން ތައްޔާކުރަން ބޭނުންވާ މައިގަނޑު އެއްޗަކީ ކޯރުތަކުން ނަގާ ކުދިކުދި ހިލަކޮޅުތަކެވެ. ދެން ސޯސްގަނޑެއްގެ ތެރޭގައި ހިލަކޮޅު "ހަނާކޮށްލަނީ" އެވެ. އެ ހިސާބުން "ސޯޑިއޯ" ތައްޔާރު ކުރެވުނީ އެވެ.

މި ކާ ގޮތަކީ ނަމުގެ މާނައާ އެއްގޮތަށް ހިލަކޮޅުތަކުގައި ހުންނަ ސޯސްކޮޅު ލޮއިލާފައި ހިލަކޮޅު އެއްފަރާތްކޮށްލާނީ އެވެ.

ޗައިނާ އަކީ މިހާރު ވަރަށް ގިނައިން ދިވެހިން ވެސް ދަތުރުކުރާ ގައުމެކެވެ. އެހެންވެ ތަފާތި ކެއުމެއް ތަޖުރިބާކޮށްލަން ބޭނުންވާ މީހުންގެ ސުފާރަ އަށް މި ވެސް އަރުވައިލަން ހަމަ ރަނގަޅު ވާނެދޯ އެވެ؟ އެކަމަކު މިއީ ކާން ވާނީ މިއީ ކޯޗެއްކަން ރަނގަޅަށް އެނގިހުރެ އެވެ. އެހެން ނޫނީ "ހަނާކުރި ހިލަ" ކާން ހަދައިގެން އަނގައިގައި ހުރި ދަތްކޮޅު ފުނޑުފުނޑުވުމަކީ ވެސް ވެދާނެ ގޮތަކެވެ.

މީޑިއާތަކުން ބުނި ގޮތުގައި މިހާރު ސްޓްރީޓް ފުޑެއްގެ ގޮތުގައި މަޝްހޫރުވަމުން އަންނަ "ސޯޑިއޯ" ގެ ކުޑަ ވަރެއްގެ ޕެކެއްގެ އަގަކީ 16 ޔުއާން ނުވަތަ 2.30 ޑޮލަރެވެ.