ކަރީނާ ކަޕޫރާއި ކިއާރާ އަދުވާނީ އަނެއްކާ ވެސް އެކީގައި ފިލްމެއްގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ މީޑިއާތަކުން ބުނީ މިއީ އަޝްވިނީ އައްޔަރު ތިވާރީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށާއި މި ފިލްމު ޕްރޮޑިއުސްކުރަނީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ކަމަށެވެ، މީޑިއާތަކުން ބުނީ އަޝްވިނީގެ ސްކްރިިޕްޓް ކަރީނާ އާއި ކިއާރާ އަށް ނެރޭޓްކޮށް ދިނުމާ އެކީ ދެ ތަރިން އެއާ ގަޔާވިލެއް ބޮޑުކަމުން ވަގުތުން އެއްބަސްވެފައިވާ ކަމަށެވެ.
"ޑަންގަލް" އާއި "ޗިޗޯރޭ" ގެނެސްދިން އަދި އަންނަ މަހު "ބަވާލް" ގެނެސްދޭ ކުޅަދާނަ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އަންހެނުން އަޝްވިނީގެ އެންމެ ފަހުގެ ފިލްމަކީ ކަންގަނާ ރަނާވަތާ އެކީ 2020 ގެނެސްދިން "ޕަންގާ" އެވެ. އޭނަގެ އާ ފިލްމު ކަރީނާ އާއި ކިއާރާއާ އެކު ހަދަން ތައްޔާރީތައްވަމުން އަންނަ އިރު، މި ދެ ތަރިން އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2019 ގެ "ގުޑް ނިއުސް" އެވެ.
ކިއާރާ އަކީ މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން ބަތަލާއިންގެ ތެރެއިން އެކެކެވެ. އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "ސަތިއަޕްރޭމް ކީ ކާތާ" އެވެ.
ކަރީނާގެ އަތުގައި ވެސް މަސައްކަތް ނިމިފައި އޮތް ތިން ފިލްމެއް އެބައޮތެވެ. އެއީ "ދަ ކްރޫ" އާއި ޑައިރެކްޓަރު ހެންސަލް މެހެތާގެ ފިލްމަކާއި ޑައިރެކްޓަރު ސުޖޯއި ގޯޝްގެ ފިލްމެކެވެ. އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ލާލު ސިންގް ޗައްޑާ" އިންނެވެ.