ނޫސްވެރިންގެ ބައްދަލުވުން ދޫކޮށްދިޔަ މައްސަލައިގައި ރާއްޖޭގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަޝްވަރާކުރާނެ ކަމަށް ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) ބުނެފި އެވެ.
އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިއަދު ވަނީ ބަންގްލަދޭޝް އަތުން 3-1 އިން ބަލިވެފަ އެވެ. މި މެޗުން ބަލިވުމުން މުބާރާތުގެ ސެމީފައިނަލަށް ދިޔުމަށް ރާއްޖެ އަށް މިހާރު ވަނީ ފުރުސަތު ހަނިވެފަ އެވެ.
މިއަދުގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ވަނީ ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ މެޗުން ބަލިވުމުން ރާއްޖޭގެ ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށް ބުނެ ބައްދަލުވުން ދޫކޮށް ގޮސްފަ އެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދީ ބައްދަލުވުން ދޫކޮށް ދިޔުމަކީ މުބާރާތުގެ ގަވާއިދާ ހިލާފު ކަމެކެވެ.
އެކަމާ ގުޅިގެން ގައުމީ ޓީމުގެ މެނޭޖަރު ޝިބާ ބުނީ އެ މައްސަލައިގައި ކޯޗާ ދޭތެރޭ ފިޔަވަޅު އެޅުމަށް ވާހަކަ ދައްކައި މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ކޯޗު ވެސް މުބާރާތުގެ ގަވާއިދާ އަމަލުކުރަންޖެހޭނެ ކަމަށް ޝިބާ ބުންޏެވެ.
މިއީ 2003 ވަނަ އަހަރަށް ފަހު ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.
ގްރޫޕްގެ ފަހު މެޗުގައި އަންނަ ބުދަ ދުވަހު ރާއްޖެ ނިކުންނާނީ ލުބްނާންއާ ދެކޮޅަށެވެ. ބަންގްލަދޭޝް ކުޅޭނީ ބޫޓާންއާ އެވެ.