Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ޓީމު މެޗަކުން ބަލިވުމަކީ މައްސަލައެއް ނޫން

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް - ފޮޓޯ: ރައީސް އޮފީސް

ގައުމީ ފުޓްބޯޅަ ޓީމު މެޗަކުން އަދި ބަލިވުމަކީ މައްސަލައެއް ނޫން ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިއަދު ވަނީ ބަންގްލަދޭޝް އަތުން 3-1 އިން ބަލިވެފަ އެވެ. މި މެޗުން ބަލިވުމުން މުބާރާތުގެ ސެމީފައިނަލަށް ދިޔުމަށް ރާއްޖެ އަށް މިހާރު ވަނީ ފުރުސަތު ހަނިވެފަ އެވެ.

މިއީ 2003 ވަނަ އަހަރަށް ފަހު ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.

މަހުލޫފް ވިދާޅުވީ ފުޓުބޯޅަ ވަސީލަތްތައް ޤާއިމުކުރުމަށް މީގެކުރިން އެއްވެސް ބަޔަކު ނުކުރާ މަސައްކަތް މިސަރުކާރުން ވާނީ ކޮށްފައި އަދި ދަނީ ކުރަމުން ކަމަށެވެ. އެގޮތުން މަތިން އުދުހިލާއިރު އެމަންޒަރުތައް ރީތިކޮށް ރަށްރަށުން ފެންނާނެ ކަމަށާއި ހަމައެކަނި ފުޓުބޯޅަ ތަރައްގީކުރުމަށް 50 ބޮޑު ފުޓުބޯޅަ ދަނޑު އެކި ރަށްރަށުގައި ގާއިމް ކުރެވިފައިވާއިރު ޖުމްލަ 120 ދަނޑުގެ މަސައްކަތް ކުރިއަށްދާ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި މިކަންކަމުގެ ނަތީޖާ އަހަރުތަކެއް ފަހުން އަދި ފެންނާނެ ކަމަށް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ކުޅިވަރު ތަކުގެ މެދުގައި ހުރި ތަފާތުކުރުންތައް ނައްތާލެވިފައިވާ ކަމަށާއި ހުރިހާ ކުޅިވަރަކުން ބައިވަރު ފުރުސަތުތައް ފަހިކޮށް ގިނަ ދޮރުތައް ހުޅުވާދެވިފައިވާއިރު އޭގެ ނަތީޖާ އެ ކުޅިވަރުތަކުން ދައްކަމުންދާ ކަމަށެވެ. އެގޮތުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފައްދާ ހާއްސަ އެހީތެރިކަން އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ކުޅިވަރު ކުޅެ ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުން ފަދަ ފުރުސަތުތައް މަހުލޫފް ފާހަގަކުރެއްވި އެވެ.

ސްޕެޝަލް އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ އެތްލީޓުން ވަނީ ދެ ރަން މެޑަލް އަދި އެއް ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

"ފުޓުބޯޅަ ޓީމު އަދި މެޗަކުން ބަލިވިޔަސް އެއީ މާބޮޑު މައްސަލައެއް ކަމަށް މިއަދު ނުދެކެން. ރަނގަޅު ކުރަންޖެހޭ ކަންކަން ބަލާ ސަރުކާރުން ދޭންޖެހޭ އެއްބާރުލުން އަބަދުވެސް ދޭނަން. އެކަމާ ދެރަވާއިރު އަޅުގަނޑުމެންގެ ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުން ހޯދަދިން ކާމިޔާބީއާއިއެކު ލިބޭ ހިތްހަމަޖެހުމާއި ލިބޭ އުފާ މާބޮޑު،" މަހުލޫފް ވިދާޅުވި އެވެ.

"ބަލިވީ ސަރައްދީ މުބާރާތެއްގެ މެޗަކުން، ރަން މެޑަލްތައް ލިބުނީ މުޅި ދުނިޔެއާއި ވާދަކޮށްގެން،"

ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕްގެ ފަހު މެޗުގައި އަންނަ ބުދަ ދުވަހު ރާއްޖެ ނިކުންނާނީ ލުބްނާންއާ ދެކޮޅަށެވެ. ބަންގްލަދޭޝް ކުޅޭނީ ބޫޓާންއާ އެވެ.