Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އަހަރުގެ މިހާތަނަށް 39،000 ޓަނު މަސް ކިރައިފި

މިފްކޯގެ މަސްކިރުވުމުގެ އޮޕަރޭޝަނަށް ގެނައި އައު ބޯޓު / ފޮޓޯ: މިފްކޯ

މިއަހަރު މިހާތަނަށް 39،000 ޓަނުގެ މަސް ކިރާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިމަހުގެ 23 ގެ ނިޔަލަށް މިއަހަރު 39،601 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މިއީ މިދިޔަ އަހަރުގެ 24 ވަނަ ހަފްތާއާއި ބަލާއިރު 9000 ޓަނުގެ އިތުރުވުމެކެވެ. އަދި މިއީ 30 އިންސައްތައިގެ ކުރިއެރުމެކެވެ.

އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ކޫއްޑޫ ފިޝަރީޒް ކޮމްޕެލެކްސްއިންނެވެ. އެގޮތުން މިދިޔަ އަހަރު 23،315 ޓަން ކިރިއިރު، މިއަހަރު އެ ފެސިލިޓީއަށް މިމުއްދަތުގައި 30،409 ޓަނުގެ މަސް ވަނީ ކިރާފައެވެ.


ދެން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިންނެވެ. މިމުއްދަތުގައި އިތުރު 4348 ޓަނުގެ މަސް ކިރުވައި، މިދިޔަ އަހަރަށްވުރެ 68 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ.

މިފްކޯއިން މިއަހަރު މިހާތަނަށް މަސްވެރިންނަށް 659.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިދިޔަ އަހަރު މިމުއްދަތުގައި ދޫކޮށްފައިވަނީ 492.2 މިލިއަން ރުފިޔާއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ދަނީ މިފްކޯގެ މަސް ފިނިކުރެވޭ ކެޕޭސިޓީ އިތުރު ކުރަމުންނެވެ. އަދި މިފްކޯއިން މަސް އެއްފަހަރާ ގަނެވޭ ކެޕޭސިޓީ އިތުރު ކުރުމަށް އިތުރު ބޯޓުތައް ގެނެސް މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ މިފްކޯ ކެޕޭސިޓީ އިތުރުކޮށް މަސް ގަނެވޭ މިންވަރު އިތުރުކުރުމެވެ. މީގެ ސަބަބުން މަސް ނުކިރި މިހާރު މަސްވެރިކަން ރަނގަޅު މޫސުމުގައި ދިމާވާ މައްސަލައަށް ހައްލެ ލިބޭނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ.