ޗެލްސީ އަށް ކުޅެމުން އައި ސެނެގާލްގެ ޑިފެންޑަރު، ކަލިދޫ ކުލިބާލީ ސައުދީ ލީގުގެ ކްލަބެއް ކަމަށްވާ، އަލް ހިލާލަށް ބަދަލުވެއްޖެ އެވެ.
ކުލިބާލީ ،32، އަލް ހިލާލަށް ބަދަލުވީ 23 މިލިއަން ޔޫރޯ އަށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އިޓަލީގެ ނަޕޯލީ ދޫކޮށް ކުލިބާލީ ޗެލްސީ އަށް ބަދަލުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. މިދިޔަ ސީޒަނުގައި ކުލިބާލީ ޗެލްސީ އަށް 32 މެޗު ކުޅެދިން ނަމަވެސް ނަޕޯލީގައި އޭނާ ދެއްކި ފަދަ މޮޅު ކުޅުމެއް ޗެލްސީގައި ދެއްކޭ ގޮތް ވަނީ ނުވެފަ އެވެ.
އަލް ހިލާލުން ވަނީ ވުލްވްސް އަށް ކުޅެމުން އައި ޕޯޗުގަލްގެ މިޑްފީލްޑަރު ރުބެން ނެވޭސް ވެސް އެ ކްލަބަށް ގެންގޮސްފަ އެވެ. ނެވޭސް ގެންދިޔައީ 47 މިލިއަން ޕައުންޑްގެ އަގަކަށެވެ.
ކުލިބާލީގެ އިތުރުން ޗެލްސީ އަށް ކުޅެމުން އައި ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ވެސް ވަނީ ސައުދީ ލީގުގެ ކްލަބަކަށް ބަދަލުވެފަ އެވެ. ކަންޓޭ ބަދަލުވީ އަލް އިއްތިހާދަށެވެ. އަދި ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީ އާއި މޮރޮކޯގެ ވިންގާ، ހަކީމް ޒިޔެކް ވެސް އަންނަނީ ސައުދީ ލީގަށް ބަދަލުވުމަށް ތައްޔާރުވަމުންނެވެ.