އެންމެ ފަހުން ރިލީޒްވި ފިލްމު "އާދިޕުރުޝް" އަށް އަމާޒުވި ފާޑުކިޔުންތަކާއި ބެލުންތެރިން އެ ފިލްމު ބަލައިގެންފައި ނުވާތީ ބަތަލާ ކްރިތީ ސެނަން ފިލްމު ކުޅޭ އަގު ކުޑަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކްރިތީ އާންމުކޮށް ފިލްމެއް ކުޅެދެނީ 4 ކްރޯޑް ރުޕީސްއަށެވެ. ނަމަވެސް މިހާރު އަގު ކުޑަކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
މަޝްހޫރު އެކްޓަރު ޕްރަބާސް ބަތަލުގެ ރޯލު ކުޅުނު ބޮޑު ބަޖެޓަކުން ހެދި "އާދިޕުރުޝް" ގިނަ ބަޔަކަށް ކަމުނުދިޔައީ އެ ފިލްމަކީ އިންޑިއާގެ ހިންދޫންގެ ތެރޭގައި ކިޔައި އުޅޭ ހުރާފީ ވާހަކައެއް ކަމަށްވާ ރާމާޔަން އަށް ބިނާކޮށް ހެދި ފިލްމަކަށް ވިޔަސް، އެއަށް ކުޑައިމީސްވާ ގޮތަށް ފިލްމު ހަދާފައި އޮތް ކަމަށް ބުނެ އެވެ. އެހެންވެ ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުގެ ފިލްމުގެ ޑައިރެކްޓަރާއި ލިޔުންތެރިންނަށް ތަފާތ އިންޒާރުތަކާ ވެސް ކުރިމަތިލާން ޖެހިފައިވެ އެވެ.
"އާދިޕުރުޝް" ގައި ކްރިތީ ކުޅުނީ ހިންދޫން ވަރަށް ލޯބިކުރާ ޝަހުސިއްޔަތެއް ކަމަށްވާ ސީތާގެ ރޯލެވެ. އަދި އެ ރޯލު ވެސް ގެނެސްދީފައި އޮތީ ވަރަށް ގޯސްކޮށް ކަމަށް ފިލްމި ބެލި މީހުން ބުނެފައިވެ އެވެ.
ކްރިތީ، 32، އަކީ މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ކާމިޔާބު އެކެކެވެ. މި އަހަރު ރިލީޒްވި އޭނަގެ ފުރަތަމަ ފިލްމަކީ ފެބްރުއަރީގައި ގެނެސްދިން "ޝެހެޒާދާ" އެވެ. ކްރިތީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައިި އޮކްޓޯބަރަށް ތާވަލުކޮށްފައި އޮތް ޓައިގާ ޝްރޮފްގެ "ގަނަޕަތު: ޕާޓް 1" އާއި ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް ޝާހިދު ކަޕޫރާ އެކީ ކުޅެފައިވާ ފިލްމެއްގެ އިތުރުން "ދަ ކްރޫ" ހިމެނެ އެވެ.