Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އިންތިހާބު ކާމިޔާބު ކުރާނީ ހައްޖުވެރިންގެ ދުޢާއާ އެކު

އިމްރާން އަބްދުﷲ - ފޮޓޯ: ރައީސް އޮފީސް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާނީ ހައްޖުވެރިންގެ ދުޢާއާ އެކު ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝޭޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދަކީ މާތްﷲ ގެ ހަޒުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ހައްޖާޖީން ހައްޖުގެ އަޅުކަން ފާށާ ދުވަސް ކަމަށެވެ.

ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވީ އިމްރާންގެ އަދާލަތު ޕާޓީ ހިމެނިވަޑައިގަންނަވާ ރައީސް ސޯލިހްގެ ކޯލިޝަނުން މިއަހަރުގެ އިންތިހާބު ކާމިޔާބު ކުރާނީ ހައްޖަށް ވަޑައިގެންނެވި ހައްޖުވެރިންގެ ދުޢާތަކާ އެކު ކަމަށެވެ.

"މިއަހަރުގެ އިންތިހާބު އަޅުގަނޑުމެން އެއްބުރުން ކާމިޔާބު ކުރާނީ (އިންޝާﷲ) ހައްޖަށް ވަޑައިގެންވާ އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާ އުޚުތުންގެ މަތިވެރި ދުޢާތަކާ އެކުގައެވެ." އިމްރާން ވިދާޅުވިއެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ މިއަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހާއެކު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީގެ އިތުރުން އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އިންނެވެ.