އެމްޑީޕީގެ މުސްތަގުބަލު މިހާރު ފެންނަނީ ކުރިއަށް ވުރެ އުޖާލާކޮށް ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރުވެއްޖެ އެވެ.
އެ ޕާޓީގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައި އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަމާންވީ އާއިލީ ބާރާއި ކަސްތޮޅުގެ ސަގާފަތުން މިނިވަންވެފައިވާ ފުރަތަމަ ސިޔާސީ ފިކުރަކަށް އެމްޑީޕީ މިހާރު ހަދާލެވިފައިވާ ކަމަށެވެ.
"[އެހެން] ވުމާ އެކު ޕާޓީގެ މުސްތަގްބަލް ފެންނަނީ ކުރިއަށް ވުރެ އުޖާލާކޮށް." ނިޒާރު ވިދާޅުވި އެވެ.
ވެރިކަން ކުރާ ޕާޓީ މިހާރު މަސައްކަތް ކުރަމުން އަންނަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށެވެ. އަދި އެކަން އެއްބުރުން ކާމިޔާބު ވާނެ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.
އެމް.ޑީ.ޕީ ގެ 18 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ ލޮބުވެތި މެމްބަރުންނަށް އަރިސްކުރަން. ޒަމާންވީ އާއިލީ ބާރާއި ކަސްތޮޅުގެ ސަގާފަތުން މިނިވަންވެފައިވާ ފުރަތަމަ ސިޔާސީ ފިކުރަކަށް އެމް.ޑީ.ޕީ ހަދާލެވިފައި ވުމާއި އެކު ، ޕާޓީގެ މުސްތަގްބަލް ފެންނަނީ ކުރިއަށްވުރެ އުޖާލާކޮށް.
— Ali Nizar (@DhekunuNizar) June 25, 2023
ނިޒާރު ވިދާޅުވެފައިވާ ގޮތުގައި ރައީސަށް ދެވަނަ ދައުރެއް ހޯދައި ދިނުމަކީ އައްޑޫ ރައްޔިތުންނަށް ވެސް ލާޒިމުކަމެކެވެ. ސަބަބަކީ ސަރުކާރަކުން މިހާތަނަށް އައްޑު އަށް ގެނައި އެންމެ ބޮޑު ކުރިއެރުމާއި ތަރައްގީ ހޯދިފައި ވަނީ ރައީސް ސޯލިހުގެ ދައުރުގައި ކަމަށްވާތީ ކަމަށް އޭނަ ވިދާޅުވެ އެވެ.
އެމްޑީޕީގެ މުސްތަގުބަލު ކުރިއަށް ވުރެ އުޖާލާކޮށް މިހާރު ފެންނަ ކަމަށް ނިޒާރު ވިދާޅުވެފައިވާ އިރު، އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ޕާޓީގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ނަޝީދާއި އެ މަނިކުފާނިގެ ފަޅީގައި ތިބި މަޖީލިހުގެ މެމްބަރުންތަކެއް ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އެ ބޭފުޅުން އޮތީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީކުރަން ވެސް ހުށަހަޅުއްވައިފަ އެވެ.
އަމާޒަކީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ވެސް ނެރުމެވެ.
ނަޝީދު ރައީސް ސޯލިހާއި އެމްޑީޕީއާ ދެކޮޅަށް ނުކުންނެވީ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގަތުމުންނެވެ.