މި އަހަރަކީ ރެކޯޑް އަދަދަކަށް މީހުން ހައްޖުގެ އަޅުކަން އަދާކުރާނެ އަހަރެއް ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި އެވެ.
އެ ގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނީ މި އަހަރުގެ ހައްޖުގެ އަޅުކަން 2.5 މިލިއަނަށް ވުރެ ގިނަ މީހުން އަދާކުރާނެ ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިޔަ މީހުން މީހާރު ވަނީ މިނާ އަށް ދަތުރު ފަށައިފަ އެވެ. މާދަމަ އަކީ މި އަހަރުގެ އަރަފާތް ދުވަސް ނުވަތަ ހައްޖު ދުވަހެވެ.
ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނި ގޮތުގައި 2.5 މިލިއަނަށް ވުރެ ހައްޖާޖީންނާ އެކީ މި އަހަރު ވާނީ އިސްލާމީ ތާރީހުގައި ވެސް އެންމެ ގިނަ ބަޔަކު ހައްޖުގެ އަޅުކަން އަދާކުރާ އަހަރަށެވެ.
ދެހާސް ވިހީގައި ކުރިމަތިލާން ޖެހުނު ކޮވިޑް-19 ގެ ސަބަބުން ސައުދީން ހައްޖުގެ އަޅުކަމަށް ދެމުން އައި ކޯޓާ ވަރަށް ބޮޑަށް ދަށްކުރި އެވެ. އަދި އެކަމާ ގުޅިގެން ހައްޖުގެ އަޅުކަމަށްދާ މީހުން އަމަލުކުރަން ހާއްސަ ގިނަ ފިޔަވަޅުތަކެއް އެޅި އެވެ. މިކަމާ ގުޅިގެން 2020 އާއި 2021 އަކީ ވަރަށް މަދު އަދަދެއްގެ ބަޔަކަށް ހައްޖުގެ އަޅުކަން އަދާކުރަން ލިބުނު ދެ އަހަރެވެ.
ދެހާސް ވިހީގައި ހައްޖުގެ އަޅުކަން އަދާކުރީ އެންމެ 10،000 މީހުންނެވެ. އަދި 2021 ގައި ހައްޖުގެ އަޅުކަން އަދާކުރީ 59،000 މީހުންނެވެ. މިދިޔަ އަހަރު މިލިއަން މީހުން ހައްޖުގެ އަޅުކަން ފުރިހަމަކުރި އެވެ.
ހައްޖަކީ އިސްލާމް ދީނުގެ ފަސް ވަނަ ރުކުނެވެ. އަދި ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއް ފަހަރު އަދާކުރުން ވާޖިބު އަޅުކަމެކެވެ.
ރާއްޖެ އަދް މި އަހަރު ލިބުނީ 1،000 ހައްޖު ކޯޓާ އެވެ.