ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި ޕާކިސްތާންގެ ލަވަ "ޕަސޫރީ" ހިންދީ ވާޝަނެއް ބޮލީވުޑް ފިލްމެއްގައި ހިމަނައި އެ ލަވަ މިއަދު ދައްކާލައިފި އެވެ.
"ޕަސޫރީ ނޫ" ގެ ނަން ދޫފައިވާ ލަވަ ހިމަނާފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ރިލީޒްކުރާ ކާތިކް އާރިއާނާއި ކިއާރާ އަދުވާނީގެ "ސަތިއަޕްރޭމް ކީ ކަތާ" ގަ އެވެ. މި ލަވަ ކިޔާފައިި ވަނީ އަރިޖިތު ސިންގް އާއި ތުލްސީ ކުމާރެވެ. "ޕަސޫރީ" ގެ އޮރިޖިނަލް ލަވަ ކިޔާފައި ވަނީ އަލީ ސޭތީ އާއި ޝައީ ގިލް އެވެ. ކޯކް ސްޓޫޑިއޯ އިން މަޝްހޫރުކަން ހޯދި މި ލަވަ ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގައި ބޮޑު ހިޓަކަށްވެފައިވެ އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސަތިއަޕްރޭމް ކީ ކަތާ" އަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ސަމީރު ވިދުވަންސް ޑައިރެކްޓްކޮށްފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.