މާލެ ސަރަހައްދުން ގޮއްޗާއި ފްލެޓް ދޫކުރުމަށް ކުރިއަށްގެންދިޔަ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ޕްރޮގްރާމުގެ ތެރެއިން ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ނަންތައް މިއަދު އިއުލާނު ކުރާނެކަން ޕްލޭނިން މިނިިސްޓްރީން ހާމަކޮށްފިއެވެ.
ސަރުކާރުން ކުރިއަށްގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ލިސްޓު ނެރޭނެއިރެއްގެ އިންތިޒާރުގައި ގިނަބަޔަކު ތިބިއިރު، އެ ލިސްޓު މިއަދު ނެރޭނެކަން ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އެހެންނަމަވެސް އެ ލިސްޓު މިއަދު ނެރޭނެ ސީދާ ގަޑިއެއް ހާމަކޮށްފައެއް ނުވެއެވެ.
ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެދިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލައިފައިވާ ގެދޮރުވެރިންގެ ކޮމިޓީ ބައްދަލުވުމެއް އިއްޔަވެސް ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވެއެވެ.
"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ޕްރޮގްރާމުގެ ދަށުން ފްލެޓަށް އެދި ޖުމްލަ 20،697 މީހުން ކުރިމަތިލިއިރު ގޯތި ހޯދުމަށް 15،164 މީހުން ހުށަހަޅާފައިވެއެވެ.