Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އެމްޑީޕީ އަކީ ވަކި އާއިލާއެއްގެ ތަރިކައެއް ނޫން

މެންބަރު މުހައްމަދު ފަލާހް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަކީ ވަކި އާއިލާއެއްގެ ތަރިކައެއް ނޫންކަމަށާއި އެމްޑީޕީ އަބަދުވެސް ދާނީ ކުރިއަށް ކަމަށް މާފަންނު ހުނޅަގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ފަލާހްގެ ޓްވީޓްގައި ވިދާޅުވީ އެމްޑީޕީއަކީ ވަކި އާއިލާއެއްގެ ތަރިކައެއް ނޫން ކަމަށާއި، އެމްޑީޕީއަކީ ވަކި މީހަކަށް ލެނބި ހުސްވެފައި އޮންނަ ޕާޓީއެއްވެސް ނޫން ކަމަށެވެ. އަދި އެމްޑީޕީ އަބަދުވެސް ދާނީ ކުރިއަށް ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީން އެޕާޓީގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން އަންނައިރު، އެޕާޓީތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން އެޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 15 މެންބަރަކު ވަނީ ޕާޓީން ވަކިވެފައެވެ. އޭގެތެރޭގައި އެޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ. އޭގެއިތުރުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްވެސް ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވާފައެވެ.

އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ފަރާތްތަކުން އަންނަނީ ނުސީދާގޮތެއްގައި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކަށް ފާޑުކިޔަމުންނެވެ.