އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި "ދަ ޑިމޮކްރެޓްސް"ގެ މަޝްވަރާ ބައްދަލުވުންތައް މިއަދުވެސް ކުރިއަށް ގެންގޮސްފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ، "ދަ ޑިމޮކްރެޓްސް" ޕާޓީއާއެކު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރަސްމީ މަޝްވަރާތައް ފަށާފައިވަނީ އިއްޔައެވެ.
އެ ބައްދަލުވުންތައް މިއަދުވެސް ކުރިއަށް ގެންގޮސްފައިވާއިރު މިއަދުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޕީޕީއެމްގެ އޮފީހުގައެވެ. ޕީޕީއެމްގެ ފަރާތުން މި މަޝްވަރާތައް ލީޑް ކުރައްވާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ. މި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން މެންބަރު އަހުމަދު ތޯރިގްވެސް ބައިވެރިވެވަޑައިގަތެވެ.
"ދަ ޑިމޮކްރެޓްސް"ގެ ފަރާތުން މިއަދުގެ މަޝްވަރާ ތަކުގައި ބައިވެރިވެވަޑައިގަތީ މެންބަރު އީވާ އަބްދުﷲ، މެންބަރު އަލީ އާޒިމް އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުއެވެ.
Progressive Congress Coalition aai @TheDemocratsMV aa eku kuriah dhaa mashvaraa badhdhalvun pic.twitter.com/v2Fisrh7MW
— Progressive Party of Maldives (@ProgressPartyMV) June 26, 2023
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެންބަރުން އިސްވެތިއްބަވާ އުފައްދަވާ "ދަ ޑިމޮކްރެޓްސް" ޕާޓީ ގެ މެންބަރުން މަޖިލީހުގައި އަދި މަސައްކަތް ކުރަމުން އަންނަނީ އަމިއްލަ މެންބަރުންގެ ގޮތުގައެވެ. އެހެންނަމަވެސް އިދިކޮޅު މެންބަރުންނާއެކު އެ މެންބަރުން މަސައްކަތް ކުރައްވާ ކަމުގެ އަޑުތައްވަނީ ފެތުރިފައެވެ.
އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރު އާދަމް ޝަރީފް އަދި މެންބަރު އީވާ އަބްދުالله ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުކުރުމަށް ކޯލިޝަން ހަދަންޖެހުނު ބަޔަކާއެކު ކޯލިޝަން ހަދާނެ ކަމަށެވެ.