ޕީޕީއެމް ޕީއެންސީން ކުރިއަށް ދަނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދާ އެއްގޮތަށް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާން ވިދާޅުވެއްޖެއެވެ.
"ދަ ޑިމޮކްރެޓްސް"އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ހުރިހާ ހިޔާލަކީ އެއްގޮތްވާނެ ހިޔާލުތައް ނޫން ކަމަށާއި އެގޮތުން ޑިމޮކްރެޓްސްއާވެސް އަދި ޕީޕީއެމް ޕީއެންސީގެ މެދުގައިވެސް ހިޔާލު ތަފާތުވާ ކަންކަން ހުންނަ ކަމަށެވެ. އެހެންނަމަވެސް ހިޔާލު އެއްގޮތްވާ ކަންކަން ހުންނަ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރު ނިންމަންޖެހޭކަމަށް ހިޔާލު އެއްގޮތްވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނަވާ މި ސަރުކާރުގެ ތެރޭގައި ހިންގަމުންދިޔަ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ރައީސް ނަޝީދު އެ މަސައްކަތްކުރައްވާ އެކަންކަން ރަނގަޅު ނުކުރެއްވުމުގެ ނަތީޖާއަކީ މިއަދު ޑިމޮކްރެޓްސްއިން ޕީޕީއެމް ޕީއެންސީއާއެކު މަސައްކަތް ކުރުންކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ.
ޕީޕީއެމްގެ ރައީސް ޔާމީން ޖަލުގައި ހުންނެވިކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ޕީޕީއެމް ޕީއެންސީން ކުރިއަށް ދާނީ ރައީސް ޔާމީންގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ.
"ރައީސް ޔާމީން ޖަލުގަ އެ ހުންނެވީ. ވަރަށް ރަނގަޅަށް މިކަމުގައި އިންސްޓްރަކްޝަން އެބަ ދެއްވާ. ޑިމޮކްރެޓްސްއާ އެކީގަ މިކަންތައްތައް ކުރިއަށް ގެންދެވުމުގައި، އެނގިވަޑައިގަންނަވާނެ ރައީސް ޔާމީންގެ އިންސްޓްރަކްޝަންއާ އެކީގަ ނޫނީ ޕީޕީއެމް ޕީއެންސީ ފިޔަވަޅެއްވެސް ނާޅާނެ." ޝިޔާމް ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ، "ދަ ޑިމޮކްރެޓްސް" ޕާޓީއާއެކު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރަސްމީ މަޝްވަރާތައް ފަށާފައިވަނީ އިއްޔައެވެ.
އެ ބައްދަލުވުންތައް މިއަދުވެސް ކުރިއަށް ގެންގޮސްފައިވާއިރު މިއަދުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޕީޕީއެމްގެ އޮފީހުގައެވެ. ޕީޕީއެމްގެ ފަރާތުން މި މަޝްވަރާތައް ލީޑް ކުރައްވާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ. މި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން މެންބަރު އަހުމަދު ތޯރިގްވެސް ބައިވެރިވެވަޑައިގަތެވެ. "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން މިއަދުގެ މަޝްވަރާ ތަކުގައި ބައިވެރިވެވަޑައިގަތީ މެންބަރު އީވާ އަބްދުﷲ، މެންބަރު އަލީ އާޒިމް އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުއެވެ.