Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ޝާހްރުކާއި ސުހާނާ އެކީގައި ފިލްމެއް ކުޅެނީ

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާނާއި އޭނަގެ އަންހެން ދަރިފުޅު ސުހާނާ ޚާން އެކީގައި ފިލްމެއް ކުޅެން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ މި ފިލްމަކީ ޝާހްރުކްގެ ފިލްމު ދެޑް ޗިލީޒް އެންޓަޓައިންމަންޓާއި އޭނަގެ އެންމެ ފަހުގެ ފިލްމު "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ކުންފުނި، މާފްކްލިސް ގުޅިގެން ހަދަން ހަމަޖެހިފައިވާ އެއްޗެއް ކަމަށެވެ. އަދި ފިލްމު ޑައިރެކްޓްކުރާނީ ސިދާތު ކަމަށާއި މީގެ މަސައްކަތް ފަށާނީ، ޑައިރެކްޓަރު ރާޖްކުމާރު ހިރާނީއާ އެކީ ޝާހްރުކް މަސައްކަތް ކުރަމުން އަންނަ ފިލްމު "ދުންކީ" އެއްކޮށް ނިންމައިލުމަށް ފަހު ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

"ޕަތާން" އަށް ފަހު ސިދާތު އަންނަނީ އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" ގެ މަސައްކަތް ކުރަމުންނެވެ. މީގެ ތަރިންނަކީ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ އިތުރުން އަނިލް ކަޕޫރެވެ.

ހަންގާމާ އިން ބުނީ ސުހާނާއާ އެކީ ޝާހްރުކް ފިލްމެއް ކުޅެން ނިންމީ ސިދާތުގެ ސްކްރިޕްޓަކީ ބައްޕައަކާއި އަންހެން ދަރިއަކަށް ޑިމާންޑްކުރާ ކަހަލަ އެއްޗަކަށްވުމާ އެކީގައި ކަމަށެވެ. އަދި ސްކިޕްޓް ދެބަފައިންނަށް ވެސް ވަރަށް ކަމުގޮސްފައިވާ ކަމަށް ބުންޏެވެ.

ސުހާނާ، 22، ފިލްމީ ދުނިޔެ އަށް ތައާރަފުވާނީ ނެޓްފްލިކްސް އިން ގެނެސްދޭން ދޭން ހަމަޖެހިފައިވާ ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ "ދި އާޗީސް" އިންނެވެ. މިއިން އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ އާއި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް ވެސް ތައާރަފުވާނެ އެވެ.

މި މަހުގެ 18 ގައި ބްރެޒިލްގައި ބޭއްވި ހަފުލާއެއްގައި "ދި އާޗިީސް" ގެ ޓްރެއިލާ ދައްކައިލި ނަމަވެސް ފިލްމު ޕްރީމިއާކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ސުހާނާއާ އެކީ ޝާހްރުކް ސްކްރީން ހިއްސާކުރާ އިރު، ދޮށީ ދަރިފުޅު އަރިއަން ޚާންގެ ކްލޯތިން ބްރޭންޑް، ޑި'ވަޔޯލް އެކްސްގެ އިޝްތިހާރެއް އެ ދެބަފައިން އެކީގައި ކުޅުނެވެ. އެ ޑައިރެކްޓްކުރީ ވެސް އަރިއަން އެވެ. އަދި އޭނަ މިހާރު ހަދަމުން އަންނަ ވެބް ސީރީސް "ސްޓާޑަމް" ގެ ހާއްސަ ފެނިލުމެއްގައި ވެސް ޝާހްރުކް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.