Last Updated: July 24, 06:25
Friday, July 24, 2026
ޚަބަރު

އައްޑޫން އުރީދޫ މަސް ރޭހަށް ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް އިން އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ އެކެއްގެ ނިޔަލަށް އޮންނާނެ ކަމަށް އުރީދޫން ބުނެފި އެވެ.

އުރީދޫ މަސް ރޭސް މިފަހަރު ރާއްޖޭގެ ހަތަރު ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އުރީދޫގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެ އެވެ. ފޯމް ހުށަހަޅާ އިރު ޓީމުގެ ބައިވެރިންނަށް 150ރ. އަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެ އެވެ. ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީ އާއި ޓީޝާޓެވެ.

ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެމްބަރުން ތިބެންވާނެ ކަމަށް އުރީދޫން ބުނެ އެވެ.

ފިޝަރީޒް މިނިސްޓްރީއާ ވެސް ގުޅިގެން ބާއްވާ މި އަހަރުގެ "އުރީދޫ މަސް ރޭސް" ކުރިއަށް ގެންދަން ނިންމާފައި ވަނީ 4 އޮގަސްޓާއި 25 އޮގަސްޓާ ދެމެދުގަ އެވެ. އެގޮތުން މާލެ އިން މުބާރާތް އޮގަސްޓް 4 ގައި ފަށަން ނިންމާފައިވާ އިރު، އެ މަހުގެ 11 ގައި ރޭސް ކުރިއަށް ދާނީ ކުޅުދުއްފުށީގަ އެވެ. އޮގަސްޓް 18 ގައި "އުރީދޫ މަސް ރޭސް" އައްޑޫގައި ބާއްވާ އިރު، އެ މަހުގެ 25 ގައި ރޭސް ކުރިއަށް ގެންދާނީ ފުވައްމުލަކުގަ އެވެ.

މި އަހަރުގެ މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކަށް ބަލާ އިރު، ކޮންމެ ސިޓީއަކަށް ވެސް ޖުމްލަ 75،000ރ. ރުފިޔާގެ އިނާމު ދޭނެ އެވެ. އެގޮތުން ކޮންމެ ސިޓީއަކުން އެއް ވަނަ، ދެވަނަ ތިން ވަނަ ޓީމު ހޮވައި އަދި އެންމެ މޮޅު މަސްވެރިޔާ އާއި އެންމެ މޮޅު އަންހެން މަސްވެރިޔާ ވެސް ހޮވާނެ އެވެ.

* އެއް ވަނަ ޓީމު: 25،000ރ.
* ދެ ވަނަ ޓީމު: 10،000ރ.
* ތިން ވަނަ ޓީމު: 5،000ރ.
* އެންމެ މޮޅު މަސްވެރިޔާ: 1،000ރ.
* އެންމެ މޮޅު އަންހެން މަސްވެރިޔާ: 1،000ރ.

އުރީދޫން ބުނީ އުރީދޫ މަސް ރޭހުގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މަދުވެގެން 12 ޓީމު، ގިނަވެގެން 30 ޓީމު ވާދަކުރާނެ ކަމަށެވެ. އަދި 30 ޓީމަށް ވުރެ ގިނައިން ބައިވެރިވެއްޖެ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ގުރުއަތެއް ނަގާނެ އެވެ. ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ދޭނެ އެވެ.

"އުރީދޫ މަސް ރޭސް 2023" އަށް ޖުމްލަ 160،000ރ. އުރީދޫން ވަނީ ކަނޑައަޅައިފަ އެވެ.