އައްޑޫގެ އަވަށްތަކުގައި އުޟްހިޔާ ކަތިލާނެކަން އިއުލާން ކުރުމަށްފަހު، އަވަށްތަކަށް ބޭނުންވާވަރަށް ބަކަރި ނުލިބުމުން އުޟްހިޔާ ކަތިނުލާން އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫސިޓީ ކައުންސިލުން އައްޑޫ "ޢީދި ސަމާ" ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހުރިހާ އަވަށެއްގައި މިއަހަރުވެސް، މިދިޔަ އަހަރެކޭ އެއްގޮތަށް އުޟްހިޔާ ކަތިލާނެ ކަމަށް އިއުލާން ކުރިއެވެ. އަދި އަވަށްތަކުން މިކަން އެ އަވަށްތަކުގައި ކުރިއަށްދާނެ ހަރަކާތްތައް އިއުލާން ކުރިއިރު، ވަނީ ލިސްޓުވެސް ކޮށްފައެވެ.
ނަމަވެސް ހުރިހާ އަވަށެއްގައި ކަތިލަން ބޭނުންވާ ވަރަށް ބަކަރި ނެތުމުން އެ ހަރަކާތް މިވަނީ ނުބާއްވަން ނިންމާފައެވެ. މިކަމާއި ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު ވިދާޅުވީ، މިދިޔަ އަހަރު ގެނައި ބައެއް ބަކަރިތައް ތިބި ނަމަވެސް، ހުރިހާ އަވަށަކަށް ބޭނުންވާ ވަރަށް ބަކަރި ހަމަ ނުވާ ކަމަށެވެ. އަދި ކައުންސިލުން އެކި ގޮތްގޮތަށް ބަކަރި ގެނައުމަށް މަސައްކަތް ކުރި ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއްވެސް ގޮތަކަށް ލިބޭވަރު ނުވިނ ކަމަށާއި، ފަހުން ބޭރުން ގެނެވޭތޯވެސް ބެލި ކަމަށެވެ. ނަމަވެސް އެވެސް ވަގުތަށް ނުލިބޭނެކަން މިހާރު ޔަޤީންވުމުން އެކަން ނުކުރާ ގޮތަށް ނިންމީ ކަމަށް ވިދާޅުވިއެވެ.
އައްޑޫގައި އަވަށްތަކުގައި މިއަހަރު ޢީދަށް 3 ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މީދޫ، މަރަދޫ އަދި ހިތަދޫގައެވެ. ހިތަދޫގައި ޢީދު ނަމާދު ކުރާނީ ސިޓީ ސޮކޮޔަރ ގައެވެ. ހުޅުދޫ މީދޫގައި ހިއްކި ބިމުގައި ޢީދު ކުރާ ގޮތަށް އެ އަވަށުގައި ވަނީ އިއުލާންކޮށްފައެވެ. މަރަދޫ-ފޭދޫގައި ކުރަނީ އެ އަވަށު ބަނދަރު ސަރަހައްދުގައެވެ.