ވެސްޓްހަމް ޔުނައިޓެޑްގެ އިންގްލެންޑް މިޑްފީލްޑަރު، ޑެކްލަން ރައިސް ގަންނަން މެންޗެސްޓާ ސިޓީން ބިޑްކޮށްފި އެވެ.
ރައިސް ،24، ގަންނަން ސިޓީން ކޮށްފައިވަނީ 90 މިލިއަން ޕައުންޑްގެ ބިޑެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް މި ބިޑް ވެސްޓްހަމުން އަދި ގަބޫލުކޮށްފައެއް ނުވެ އެވެ. ރައިސް ގެންނަން ސިޓީން މަސައްކަތް ފެށީ އިލްކާއި ގުންޑޮގާން އެ ކްލަބް ދޫކޮށް ބާސެލޯނާ އަށް ބަދަލުވުމާ ގުޅިގެންނެވެ.
ސިޓީން ރައިސް ގެންނަން ބިޑްކުރި އިރު އޭނާ ގެންނަން އާސެނަލުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައިސް ގެންނަން އާސެނަލުން ހުށަހެޅި ދެ ބިޑް މީގެކުރިން ވެސްޓްހަމުން ވަނީ ގަބޫލުކުރަން ދެކޮޅު ހަދައިފަ އެވެ. އާސެނަލުން މިހާރު އަންނަނީ ރައިސް ގަންނަން ތިންވަނަ ބިޑެއް ކުރަން ތައްޔާރުވަމުންނެވެ.
ވެސްޓްހަމުން ރައިސް ވިއްކާލަން ކިޔާ އަގު އުޅެނީ 100 މިލިއަން ޕައުންޑްގަ އެވެ.
ވެސްޓްހަމްގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ރައިސް މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެ ކްލަބް ދޫކޮށްލާނެ ކަމަށް ވަނީ ވަރަށް ބޮޑަށް ބެލެވިފަ އެވެ. ރައީސް ވަނީ ވެސްޓްހަމްއާއެކު މިދިޔަ ސީޒަނުގައި ޔޫރޮޕާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްފަ އެވެ.
ރައިސް ވަނީ ވެސްޓްހަމް އަށް 245 މެޗު ކުޅެދީ 15 ގޯލު ކާމިޔާބުކޮށްދީފަ އެވެ.