ބިން ދެނީ ގެސްޓް ހައުސް އަޅައި ހޮޓާ އަޅާކަން ނޫން ކަމަށާއި، ބިން ދެނީ ދިރިއުޅެން ކަމަށް ހައުސިންގް މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ، ބިންވެރިޔާ ސްކީމުގެ ދަށުން ބިން ލިބުނު ފަރާތްތައް އިއުލާންކުރުމާއި، އެކަމުގެ ތަފްސީލް ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވަނީ، ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ދިރިއުޅުމަށް ދޫކުރާ ބިމުގައި ވިޔަފަރީއެއްކޮށް މަންފާއެއް ހޯދުން މަނާ ނުކުރާ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރުވެސް މާލޭގައިވެސް ރާއްޖޭގެ ރަށްރަށުގައިވެސް އެކަން އެގޮތަށް ކުރާކަން ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެން ގޯތި މިދެނީ، ބިމުގެ ތަނަވަސްކަމެއް ނެތް ފަރާތްތަކަށް. އަޅުގަނޑު ޤަބޫލެއް ނުކުރަން އެ ފަރާތްތަކުގެ ނިޔަތަކަށް ވާނީ އެތަން ލިބުނީމަ އެތަނުގައި ބޮޑު ހޮޓަލެއް ހަދާ، ގެސްޓް ހައުސްއެއް އަޅާ އެކަން ކުރާކަަށް ކަމަށް. " އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ ވާހަކައިގެ މަދު ބަޔަކު އެފަދަ ކަމެއް ކޮށްފާނެ ކަމަށާއި ނަމަވެސް، އެއީ ބިން ލިބޭ އެންމެންނަށް ނިސްބަތް ކުރެވޭނެ ވާހަކައެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި މިހާރު މިދޭ ތަންތަނުގައި ބިން ދެނީ ދިރިއުޅެން ކަމަށްވުމުން، ދިރިއުޅެމުން އެހެން ކަމެއް ކުރުން މަނަލެއް ނޫން ކަމަށް ވިދާޅުވިއެވެ.
އަސްލަމް ވަނީ ދޫކުރެވިގެން ދާ ބިންތަކުގައި ގެދޮރު އަޅަން ފައިނޭންސް ކުރަން މި ސްކީމުގެ ތެރެއިން އިތުރު މަސައްކަތެއް ކުރެވިގެން ނުދާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބިމެއް ލިބުނީމަ އެކަން ގެދޮރު ބިނާކުރަން ބޭނުންވާ ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށް ވިދާޅުވިއެވެ. އަދި ބިން ދެނީ "ނޭވާ ލައްވަން" ކަމަށް އަސްލަމް ތަކުރާރުކޮށް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ބިންވެރިޔާ ޕްރޮގްރާމަށް 15،164 ފޯމް ހުށަހެޅި ކަމަށެވެ. އޭގެތެރޭގައި ޖޮއިންޓް އެޕްލިކޭޝަންތަކާއިއެކު 23،088 މީހަކު ފޯމު ހުށަހެޅި ކަމަށް އަސްލަމް ވިދާޅުވި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުން ކަމަށް އަސްލަމް ވިދާޅުވި އެވެ. ސަރުކާރުން ގެޒެޓްކޮށްފައިވާ ލިސްޓުގައި އޭގެ ތެރެއިން 10،314 މީހަކަށް ގޯތި ލިބޭ ކަމަށް ވަނީ ހާމަކޮށްފައެވެ.