ބޮލީވުޑްގެ ތަރި ރިތިކް ރޯޝަންގެ ކުރިއަށް އޮތް ފިލްމު "ފައިޓާ" ގައި އޭނަ ފެންނާނެ ގޮތުގެ ފަސްޓްލުކް ޕޯސްޓަރެއް ހިއްސާކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ޕޯސްޓަރުގައި ރިތިކް ފެންނަނީ ފުރަގަހުން އަސްކަރީ ޕައިލެޓް ޔުނިފޯމްގަ އެވެ. މިއާ އެކީ ރިތިކް ބުނެފައި ވަނީ "ފައިޓާ" ބެލުންތެރިންނާ ހަމައަށް އަންނަން މިހާރު އޮތީ ހަތް ވަރަކަށް މަސް ކަމަށެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 25 ގަ އެވެ.
އޭރިއަލް އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ފައިޓާ" އަކީ ބޮލީވުޑްގައި އާ ރެކޯޑްތަކެއް ހެދި ޝާހްރުކް ޚާންގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމެކެވެ. އަދި މިއީ ރިތިކާ އެކީ އޭނަ ގެނެސްދޭ ތިން ވަނަ ފިލްމެވެ. ސިދާތާ އެކީ ރިތިކް ކުރިން މަސައްކަތް ކުރި ފިލްމުތަކަކީ 2019 ގެ "ވޯ" އާއި 2014 ގެ "ބޭންގް ބޭންގް" އެވެ.
އަންނަ އަހަރު ބޮލީވުޑަށް ވަރުގަދަ ފެށުމެއް ގެނެސްދޭނެ ކަމަށް ބެލެވޭ "ފައިޓާ" އަކީ އިންޑިއާގެ އަސްކަރީ ވައިގެ ސިފައިންނަށް ޓްރިބިއުޓެއްގެ ގޮތުގައި ހަދާ އެއްޗެކެވެ. މީގެ ބަތަލާ އަކީ ދީޕިކާ ޕަދްކޯނެވެ. މިއާ އެކީ "ފައިޓާ" ވާނީ ރިތިކާއި ދީޕިކާގެ ޖޯޑު އެކީގައި ސްކްރީނަށް އަންނަ ފުރަތަމަ ފަހަރަށެވެ. މި ސަބަބާ ހުރެ ވެސް ފިލްމަށް އިންތިޒާކުރާ މީހުން ވަރަށް ގިނަ އެވެ.
"ފައިޓާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަނިލް ކަޕޫރާއި ކުރީގެ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން ސިންގް ގްރޯވާގެ އިތުރުން އަކްޝޭ އޮބެރޯއީ، ސަންޖީދާ ޝެއިހު އަދި ތަލަތު އަޒީޒު ހިމެނެ އެވެ.
ރިތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ވިކްރަމް ވޭދާ" އެވެ.