ސަރުކާރުގެ "ބިންވެރިޔާ" ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވެސް ހިމެނިއްޖެ އެވެ.
އޭނައާ ފިރިކަލުން އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މުހައްމަދު ނާޝިޒަށް ވެސް ގޯތި ލިބިފައިވެ އެވެ. މި ދެމަފިރި ކަނބަލުންނަށް ގޯތި ލިބިވަޑައިގަތީ ތިން މީހަކު ހިމެނިގެން ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެ، 71.59 މާކްސް ލިބިގެންނެވެ.
ރޮޒޭ އާއި ނާޝިޒަކީ މިހާރު ވެސް އާއިލީ ގޮތުން މާލޭގައި ބިންތައް ހުރި ތަފާތު ބޮޑެތި ވިޔަފާރިތައް ވެސް ހިންގާ އާއިލާތަކަށް ނިސްބަތްވާ ބޭފުޅުންނެވެ. އަދި ދެމަފިރިންގެ އަމިއްލަ ވަކި ވިޔަފާރިތައް ހުރެ އެވެ. ރޮޒޭގެ މަންމަ ނިސްބަތްވާ އައްޑޫ ފޭދޫގައި ވެސް އޭނަގެ ގެއެއް ހުރެ އެވެެ. އެތަން ހުންނަނީ ރެސްޓޯރަންޓެއް ހިންގަން ކުއްޔަށް ދީފަ އެވެ. ރޮޒޭ ހިއްސާވާ ކުންފުންޏަކުން ހުޅުމާލޭގައި އަންނަނީ ޕްރައިވެޓް ކްލިނިކެއް ވެސް އިމާރާތްކުރަމުންނެވެ.
ރޮޒޭ އާއި ނާޝިޒަކީ ސަރުކާރު ހިންގާ އެމްޑީޕީގެ މެމްބަރުންނެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދަވައި ދެއްވަން ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ބޭފުޅުންނެވެ. ނާޝިޒަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި ރައީސް ސޯލިހުގެ ކެމްޕޭން މެނޭޖަރެވެ. ރޮޒޭ ފާހަގަކުރެވެނީ ރައީސަށް އެންމެ ބޮޑަށް ސަނާ ކިޔުއްވާ މަޖިލިސް މެމްބަރުގެ ގޮތުގަ އެވެ.