Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ގޯތި ލިބުމުން ހައިލަމްގެ މަލާމާތެއް އިޔާޒަށް!

ސަރުކާރުގެ "ބިންވެރިޔާ" ޕްރޮގްރާމްގެ ދަށުން އަދާލަތު ޕާޓީ އަށް ނިސްބަތްވާ ޑރ. މުހައްމަދު އިޔާޒުގެ އާއިލާ އަށް ވެސް މާލެ އިން ގޯތި ލިބުމާ ގުޅިގެން ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް އެކަމަށް މަލާމާތްކުރައްވައިފި އެވެ.

ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ އިން ގޯތި ލިބުނު ނިކަމެތި ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުހަބާ ކަމަށާއި ހާއްސަކޮށް މާތް الله ތިން ގޯތި މިންވަރުކުރެއްވި ޑރ. އިޔާޒަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"ބިންވެރިޔާ" ޕްރޮގްރާމްގެ ދަށުން އިޔާޒްގެ ދެކަނބަލުންނަށާއި ދެ ދަރިއަކަށް ގޯތި ލިބިފައިވެ އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ އާންމުކުރި "ގެދޮރުވެރިޔާ" ލިސްޓްގައިވާ ގޮތުން ދައްކާ ގޮތުގައި އިޔާޒްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ އާއި ދަރިކަލުން ހިޝްމާ މުހައްމަދު އިޔާޒް އަދި ދަރިކަނބަލުން ހިމްނާ މުހައްމަދު އިޔާޒް ހިމެނޭ ގޮތަށް ހުށަހެޅި ފޯމަށް ގޯތި ލިބިފައިވެ އެވެ.

އެ ފަރާތްތަކަށް ގޯތި ލިބުނީ ޖުމްލަ 70.02 ޕޮއިންޓް ލިބިގެންނެވެ.