ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރްގެ އާ ފިލްމު "ބްލައިންޑް" އަންނަ މަހުގެ 7 ގައި ޖިއޯ ސިނެމާ އިން ޕްރީމިއާކުރަން ނިންމައިފި އެވެ.
މި ފިލްމަކީ 2021 ގައި ސްކޮޓްލޭންޑްގައި ޝޫޓްކޮށްފައިވާ އެއްޗެކެވެ. "ބްލައިންޑް" އަކީ ހަމަ އެ ނަމުގައި 2011 ގައި ގެނެސްދިން ކޮރެއާގެ ފިލްމު އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ. "ކަހާނީ" އާއި "ބަދުލާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސުޖޯއި ގޯޝް އާއި ޖިއޯ ސްޓޫޑިއޯސް ގުޅިގެން ހެދި ފިލްމު ޑައިރެކްޓްކުރީ ޝޯމް މަކީޖާ އެވެ.
"ބްލައިންޑް" ގެ ކާސްޓްގައި ޕޫރަބް ކޯލީ، ވިނޭ ޕަތަކް އަދި ލިލީތާ ޑޫބޭ ވެސް ހިމެނެ އެވެ.
ސޯނަމް އެންމެ ފަހުން ފެނިފައި ވަނީ އޭނަގެ ބައްޕަ އަނިލް ކަޕޫރްގެ 2020 ގެ ނެޓްފްލިކްސްގެ ފިލްމު "އޭކޭ ވާސަސް އޭކޭ" ގެ ހާއްސަ ފެނިލުމަކުންނެވެ.
ދެހާސް އަށާރައިގައި ކައިވެނިކުރި ފަހުން ފިލްމީ މަސައްކަތްތަކާ ވަރަށް ދުރުގައި ހުރި އަދި މިދިޔަ އަހަރު ދަރިޔަކު ވެސް ލިބިފައިވާ ސޯނަމް އަލުން ފިލްމީ ކެރިއަރު ކޮޅަށް ދާދި ފަހުން ވަނީ ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ޓެލެންޓް އެޖެންސީއާ ގުޅިފަ އެވެ.