Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ހަނދު ދިނަސް ވޯޓު ދޭނެ މީހަކު ނުވާނެ: ޓޮމް

ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް މާލެ ސަރަހައްދުން ގޯތި ދިނަސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެން ވޯޓް ދޭނެ ބަޔަކު ނުވާނެ ކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދޭން މާލެ ސަރަހައްދުން ގޯތި ލިބުނު ބައެއްގެ ލިސްޓް ސަރުކާރުން އިއްޔެ އިއުލާންކުރުމާ ގުޅިގެން، އިދިކޮޅި ޕީޕީއެމަށް ނިސްބަތްވާ މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިންނަކީ މިހާރު ގަމާރުންނެއް ނޫން ކަމަށެވެ.

"ތި އިއުލާންކުރާ ގޯތިތައް ހުރީ ކަނޑުގައި. ހިކިފަސްތާކު މަނިކުފާނު ދޭނެ ގޯއްޗެއް ނެތް. ހަނދު ދިނަސް ވޯޓު ދޭނެ މީހަކު ދެނެއް ނުވާނެ،" ޓޮމް ވިދާޅުވި "[މިހާރު] މަރަށް ތެޅޭތަން ނޫން ތަނެއް ނުފެނޭ."

ސަރުކާރުން ބުނި ގޮތުގައި ގޯއްޗާއި ފްލެޓް ޝަރުތު ހަމަވާ އެންމެންނަށް ލިބޭނެ އެވެ.

ސަރުކާރުން އިއްޔެ ބުނީ ފުރަތަމަ ދޭނީ މިހާރު އިއުލާނުކޮށްފައިވާ 5،000 ގޯތި ކަމަށާއި ސްކީމަށް 15،164 ފޯމް ހުށަހެޅި ކަމަށެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ގެޒެޓް ކުރަނީ އޭގެ ތެރެއިން 10،314 މީހަކަށް ލިބޭ ގޯއްޗެވެ.