Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

ހައްޖު ހުތުބާގައި ގޮވާލީ މުސްލިމުން އެއްބައިވަންތަވާން

ހުރިހާ މުސްލިމުން އެއްބައިވަންތަވާން މިއަހަރުގެ ހައްޖު ހުތުބާގައި އިލްތިމާސްކޮށްފި އެވެ.

ހައްޖު ހުތުބާ މިފަހަރު ދެެއްވީ ޝައިހް ޑރ. ޔޫސުފް ބިން މުހައްމަދު ބިން ސައީދެވެ.

އަރަފާތު ބިމުގައި މިއަދު އިއްވި ހައްޖު ހުތުބާގައި ޝައިހް ވިދާޅުވީ މުސްލިމް އުއްމަތަކީ އެއް ހަށިގަނޑެއް ފަދަ ބައެއް ކަމަށާއި ހަށިގަނޑުގެ ބައެއްގައި ރިއްސާނަމަ އޭގެ އަސަރު މުޅި ހަށިގަނޑަށް ކުރާނެ ކަމަށެވެ. މުސްލިމުން ވާންޖެހޭނީ އެއްބައިވަންތަކަން އިސްކޮށް، ހެޔޮ އަމަލުތަކަށް ބާރުއަޅާ ބައެއްގެ ގޮތުގައި ކަމަށާއި ދެބަސްވުން އުފެދޭ ކަންކަމުން މުސްލިމުން ދުރުހެލިވާންޖެހޭ ކަމަށް ޝައިހް ވިދާޅުވި އެވެ.

"ހައްޖުގެ މި މަތިވެރި މާތް ދުވަހުގައި، އަހަރުމެން އެއް ހެދުމުގައި މިތިބީ އެއްބައިވަންތަވެގެން. އެކަކު އަނެކެއްގެ ދުޝްމަނުންނަށް އަހަރެމެން ނުވަމާ،" ޝައިހް ވިދާޅުވި އެވެ.

މުސްލިމުން އެކަކު އަނެކެއްގެ މެދުގައި ފަތުރަންވީ ލޯބި ކަމަށާއި އިސްލާމީ ޝަރީއަތް ވެސް ބާރުއަޅަނީ އެކަމަށް ކަމަށް ޝައިހް ވިދާޅުވި އެވެ. އަދި މައިންބަފައިންނާއި މެދު ހެޔޮކޮށް ހިތުމަށާއި އަނބިދަރިންގެ ހައްގުތަކަށް އިހުތިރާމްކޮށް އެމީހުންގެ ބޭނުންތައް ފުއްދައިދިނުމަށް ވެސް ހައްޖު ހުތުބާގައި ވަނީ ގޮވާލައިފަ އެވެ.

ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނި ގޮތުގައި 2.5 މިލިއަނަށް ވުރެ ހައްޖާޖީންނާ އެކީ މި އަހަރު ވާނީ އިސްލާމީ ތާރީހުގައި ވެސް އެންމެ ގިނަ ބަޔަކު ހައްޖުގެ އަޅުކަން އަދާކުރާ އަހަރަށެވެ.

ހައްޖަކީ އިސްލާމް ދީނުގެ ފަސް ވަނަ ރުކުނެވެ. އަދި ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއް ފަހަރު އަދާކުރުން ވާޖިބު އަޅުކަމެކެވެ.