Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ޝާހްރުކާއި ސުހާނާގެ ފިލްމަކީ އެކްޝަން ތުރިލާއެއް

ޝާހްރުކް ޚާނާއި އަންހެން ދަރިފުޅު ސުހާނާ އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމަކީ އެކްޝަން ތުރިލާއެއް ކަމަށާއި އޭގެ ޑައިރެކްޓަރަކީ ސުޖޯއި ގޯޝް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިއްޔެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމު ޕްރޮޑިއުސްކުރަނީ ޝާހްރުކްގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އޭނަގެ އެންމެ ފަހުގެ ފިލްމު "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ކުންފުނި، މާފްލިކްސް ގުޅިގެންނެވެ. އަދި ފިލްމު ޑައިރެކްޓް ވެސް ކުރާނީ ސިދާތު ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް ޕިންކްވިލާ އިން މިއަދު ބުނީ އެ ފިލްމު ޑައިރެކްޓްކުރާނީ ސުޖޯއި ކަމަށެވެ. އޭނަ އަކީ ޝާހްރުކް ޕްރޮޑިއުސްކުރި 2019 ގެ "ބަދުލާ" ގެ ޑައިރެކްޓަރު ވެސް މެ އެވެ. އެ ފިލްމު ކުޅުނީ އަމީތާބް ބައްޗަނާއި ތާޕްސީ ޕައްނޫ އެވެ.

ޕިންކްވިލާ އިން ބުނީ މީގެ ކުރިން ސުޖޯއި ނަހަދާ ޖޯންރާގެ ފިލްމެއް ހަދަން ފުރުސަތު ލިބުމުން ވަރަށް އުފަލުން ހުރި ކަމަށާއި ހާއްސަކޮށް ޝާހްރުކާއި އޭނަގެ ދަރިފުޅު ސުހާނާ ހިމަނައިގެން ފިލްމެއް ހަދަން ލިބުމުން އެކަމާ ވަކިން ބޮޑަށް ސުޖޯއި އުފަލުން ހުރި ކަމަށެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި "ކަހާނީ" ދެ ފިލްމު ވެސް ޑައިރެކްޓްކުރި ސުޖޯއި އޮތީ މިދިޔަ އަހަރު ކަރޫނާ ކަޕޫރާ އެކީ ތުރިލާއެއްގެ މަސައްކަތް ނިންމައިފަ އެވެ. އެކަމަކު އޭގެ ނަމާއި ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޕިންކްވިލާ އިން ބުނީ ޝާހްރުކާއި ސުހާނާގެ ފިލްމުގެ މަސައްކަތް ފަށާނީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ހަދާ ޝާހްރުކްގެ "ދުންކީ" ގެ ހުރިހާ މަސައްކަތެއް ނިންމުމަށް ފަހު ކަމަށެވެ، އެ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ ޑިސެމްބަރުގަ އެވެ.

ސުހާނާ އެކްޓިން ދުނިޔެ އަށް ތައާރަފުވާ ފިލްމަކީ ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ "ދި އާޗީސް" އިންނެވެ.