ވެސްޓްހަމް ޔުނައިޓެޑްގެ އިންގްލެންޑް މިޑްފީލްޑަރު، ޑެކްލަން ރައިސް ގަންނަން އާސެނަލުން ތިންވަނަ ބިޑެއް ހުށަހަޅައިފި އެވެ.
ރައިސް ،24، ގަންނަން އާސެނަލުން މިފަހަރު ކޮށްފައިވަނީ 105 މިލިއަން ޕައުންޑްގެ ބިޑެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިއީ އިނގިރޭސި ކުޅުންތެރިއަކަށް ކްލަބަކުން ހުށަހެޅި ރެކޯޑު ފީއެކެވެ. މި ބިޑު ވެސްޓްހަމުން އަދި ގަބޫލުކޮށްފައެއް ނުވެ އެވެ.
ރައީސް ގަންނަން ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސިޓީން ދާދިފަހުން ހުށަހެޅި 90 މިލިއަން ޕައުންޑްގެ ބިޑު ވެސްޓްހަމުން ވަނީ ގަބޫލުކުރަން ދެކޮޅު ހަދާފަ އެވެ. ރައިސް ގެންނަން ސިޓީން މަސައްކަތް ފެށީ އިލްކާއި ގުންޑޮގާން އެ ކްލަބް ދޫކޮށް ބާސެލޯނާ އަށް ބަދަލުވުމާ ގުޅިގެންނެވެ.
ވެސްޓްހަމުން ރައިސް ވިއްކާލަން ކިޔާ އަގު އުޅެނީ 100 މިލިއަން ޕައުންޑަށް ވުރެ މަތީގަ އެވެ.
ވެސްޓްހަމްގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ރައިސް މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެ ކްލަބް ދޫކޮށްލާނެ ކަމަށް ވަނީ ވަރަށް ބޮޑަށް ބެލެވިފަ އެވެ. ރައީސް ވަނީ ވެސްޓްހަމްއާއެކު މިދިޔަ ސީޒަނުގައި ޔޫރޮޕާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްފަ އެވެ.
ރައިސް ވަނީ ވެސްޓްހަމް އަށް 245 މެޗު ކުޅެދީ 15 ގޯލު ކާމިޔާބުކޮށްދީފަ އެވެ.