އިސްލާމީ މަރުކަޒުގައި މިއަދު ކުރި، އީދު ނަމާދުގެ ޖަމާއަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ.
މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި މިއަދު ކުރި އީދު ނަމާދަށްފަހު ރައީސް ސޯލިހް ވަނީ، އިސްލާމީ މަރުކަޒުގައި އޮތް އީދު ނަމާދުގެ ޖަމާއުތުގައި ބައިވެރިވި އާންމުންނާ އީދުގެ ސަލާމް ކުރައްވައި އީދު ތަހުނިޔާ ބަދަލުކުރައްވާފައެވެ.
އަޟްޙާ ޢީދުގެ މުނާސަބާގައި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ އީދުގެ އެންމެ މަތިވެރި މަޤްސަދަކީ، އެކަކު އަނެކަކަށް މައާފްކޮށް ހިތްހެޔޮކުރުން ކަމަށާއި ޒާތީ ހަސަދަ އާއި ނަފްރަތުން އެއްކިބާވެ، އަހުވަންތަކަމުގައި ދެމިތިބުމާއެކު ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، ރަޙްމަތްތެރިކަމާއި އޯގާތެރިކަމާއެކު، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުން ކަމަށެވެ.
މީގެއިތުރުން މިފަދަ އުފާވެރި ކޮންމެ މުނާސަބަތަކީ، ނިކަމެތިންނާއި ފަޤީރުންނާއި މިސްކީނުންގެ މަތިން ހަނދާންކޮށް، އެމީހުންނަށް އެހީތެރިވެ، އެމީހުންނަށް ވެސް އުފަލާއި ހިތްހަމަޖެހުން ހޯދައިދިނުމަށް، މުޅި މުޖްތަމައު އެކުގައި މަސައްކަތް ކުރަންޖެހޭ މުނާސަބަތެއްކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.