ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕްގެ މަސައްކަތް އެއްކޮށް ނިންމާލައި، އޭގެ ޓެސްޓް ދަތުރުތަކެއް ފަށައިފި އެވެ.
"އައިކަން އޮފް ދަ ސީސް" ގެ ނަން ދީފައިވާ މި އުޅަނދު ބަނދެފައި ފިންލޭންޑްގަ އެވެ. ރޯޔަލް ކެރީބިއަން އިންޓަނޭޝަނަލްގެ 20 ޑެކްގެ މި އުޅަނދުގެ ދިގުމިނަކީ 365 މީޓަރު (1،200 ފޫޓް) އެވެ.
"އައިކަން އޮދް ސީސް" ގެ ޓެސްޓް ދަތުރުތަކަށް ފަހު، މި އުޅަނދު ރޯޔަލް ކެރީބިއަން އިންޓަނޭޝަނަލްއާ ރަސްމީކޮށް ހަވާލުކުރަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އަދި ރަސްމީކޮށް ދަތުރުތައް ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
"އައިކަން އޮފް ދަ ސީސް" އަކީ 5،610 ޕެސެންޖަރުންނާއި 2،350 ކްރޫއިންގެ ޖާގައިގެ އެއްޗެކެވެ. އެންމެ މަތީ ފަންތީގެ ލަގްޒަރީ ރިސޯޓަކުން އާންމު ގޮތެއްގައި ލިބޭނެ ހުރިހާ ހިދުމަތްތަތަކެއް ފޯރުކޮށް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި އުޅަނދަކީ ޒަމާނީ ޓެކްނޮލޮޖީ ވެސް ވަރަށް ބޮޑަށް ބޭނުންކޮށްފައިވާ އެއްޗެކެވެ.
"އައިކަން އޮފް ދަ ސީސް" އާ ބެހޭ ގޮތުން ރޯޔަލް ކެރީބިއަން އިންޓަނޭޝަނަލްގެ ރައީސް އަދި ޗީފް އެގްޒެކެޓިވް މައިކަލް ބޭލީ ވިދާޅުވީ މިއީ އެ ކުންފުނީގެ ކްރީޒް ފްލީޓާ އާ އުޅަނދު ގުޅޭނީ އޮކްޓޯބަރު މަހުގެ 26 ގައި ކަމަށެވެ. އަދި މިކަމާ ވަރަށް އުފަލުން ތިބި ކަމަށާއި މިއާ އެކީ ކްރޫޒް ދަތުރުކުރާ މީހުންނަށް މުޅިން އާ ތަޖުރިބާއެއް ގެނެސްދޭނެ ކަމަށް ވިދާޅުވި އެވެ.
"އެންމެ މުހިއްމި ބޭނުމަކީ ވީހާ ވެސް ހިތްގައިމު ޗުއްޓީއަކަށް މަގުފަހިކޮށް ދިނުން." މައިކަލް ވިދާޅުވި އެވެ.
"އައިކަން އޮފް ދަ ސީސް" ގެ ފުރަތަމަ ޓެސްޓް ދަތުރު ބޭއްވީ މި މަހުގެ 22 ގަ އެވެ.
މީގެ ދަތުރުތައް ޖެނުއަރީގައި ފަށާ އިރު، އޮތީ ދުރާލައި އެޑްވާންސް ބުކިންސް އަށް ވެސް ހުޅުވާލައިފަ އެވެ. އަދި މިހާތަނަށް ރެކޯޑް އަދަދަކަށް ބުކިން ވެސް ހަދާފައިވާ ކަމަށް ރޯޔަލް ކެރީބިއަން އިންޓަނޭޝަނަލް އިން ބުންޏެވެ.
"އައިކަން އޮފް ދަ ސީސް" އިން ދަތުރުތައް ރަސްމީކޮށް ފަށައި ގަންނަން ތައްޔާރުވާ އިރު، މިހާރު ވެސް އެންމެ ބިޔަ ކްރޫޒް ޝިޕްގެ ރެކޯޑް އޮތީ ރޯޔަލް ކެރީބިއަން އިންޓަނޭޝަނަލްގެ އުޅަނދަކަށެވެ. އެއީ18 ޑެކްގެ 1،188 ފޫޓްގެ " "ވޮންޑަ އޮފް ދަ ސީސް" އެވެ.