Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އަނެކުންގެ މަސްލަހަތާއި ހައްޤުތަކަށް އިހްތިރާމު ކުރަން ޖެހޭ

ޤާސިމް އިބްރާހިމް- ފޮޓޯ: ޖޭޕީ

އީދުގައި އިސްކަންދޭންވާނީ އަނެކުންގެ މަސްލަހަތާއި ހައްޤުތަކަށް އިހްތިރާމް ކުރުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަޟްހާ އީދުގެ މުނާސަބާގައި ކުރެއްވި ޓްވީޓްގައި ޤާސިމް ވަނީ އީދުގެ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި، ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ އެންމެހާ މުސްލިމުންނަށް އަރިސްކުރައްވާފައެވެ.

ޤާސިމް ވިދާޅުވީ މި މަތިވެރި އީދަކީ ދޭދޭ ގުޅުންތައް ބަދަހިކޮށް އާއިލާގެ މެދުގައި ކުލުނާ ލޯބި އިތުރުކޮށްދޭ މަތިވެރި ފުރުސަތެއް ކަމަށެވެ.

"މި އުފާވެރި ފުރުޞަތުގައި އަޅުގަނޑުމެން އިސްކަންދޭންވާނީ ތިމާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭ ފަދައިން، އަނެކުންގެ މަޞްލަޙަތާއި ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް." ޤާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ޤާސިމް ވަނީ އީދުގެ އުފަލުގައި މުޖްތަމައުގެ އެންމެން ބައިވެރިކޮށް، އިސްލާމީ ރިވެތި އަޚްލާޤީ މިންގަނޑުގެ ތެރޭގައި އުފާ ފާޅުކުރުން ކުރިޔަށް ގެންދިއުމަށް ގޮވާލައްވާފައެވެ. އަދި އެންމެންގެ މެދުގައި ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަކަން އާލާކުރުމަށްވެސް ގޮވާލައްވާފައިވެއެވެ.