Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

"ތުމް ކިޔާ މިލޭ" ވަރަށް ހިތްގައިމު

ޑައިރެކްޓަރު ކަރަން ޖޯހަރް އަންނަ މަހު ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ފުރަތަމަ ލަވަ މިއަދު ދައްކާލައިފި އެވެ.

ފިލްމުގެ ލީޑް ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ ލޯބި ވަރަށް ހިތްގައިމުކޮށް ގެނެސްދީފައިވާ މި ލަވަ އަކީ އަހަރުގެ އެންމެ ހިނގާނެ އެންމެ ރޮމޭންޓިކް ލަވައިގެ ގޮތުގައި ޕްރޮމޯޓްކުރާ "ތުމް ކިޔާ މިލޭ" އެވެ. ޕްރިތަމްގެ މިއުޒިކަށް ހަދާފައިވާ މި ލަވަ ކިޔާފައި ވަނީ އަރިޖިތު ސިންގް އާއި ޝްރެޔާ ގޯޝާލް އެވެ.

ކަޝްމީރުގެ ފިންޏާއި ވާދީ ތެރޭގައި، އެހާމެ ރީތި ކޮސްޓިއުމާއި ސަޅި މޭކަޕާ އެކީ ގެނެސްދީފައިވާ ލަވައިގެ ކޮރިއޯ ހެދީ ވައިބާވީ މާޗަންޓެވެ.

"ތުމް ކިޔާ މިލޭ" ގެނެސްދީފައި ވަނީ ކަރަން އަބަދު ވެސް މެންޓޯއެއްގެ ގޮތުގައި ދެކޭ ކުރީގެ ޑައިރެކްޓަރު ޔާޝް ޗޯޕްޅާ އަށް ދޭ ޓްރިބިއުޓެއްގެ ގޮތުގަ އެވެ. މި ލަވަ ޝޫޓްކޮށްފައި އޮތީ ޔާޝްގެ ފިލްމުތަކުން ފެންނަ ކަހަލަ ލަވައަކާ އެއްގޮތަށެވެ. މި ވާހަކަ، މިއަދު ލަވަ އާންމުކުރުމުގެ ކުރިން ވެސް ކަރަން އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.

އަންނަ މަހުގެ 28 ގައި ސިނަމާތަކަށް ގެންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ އާދައިގެ މަތިން ވަރަށް "ކަރަން ސްޓައިލްގައި" ހަދާފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. މީގެ ކާސްޓްގައި ދަރުމެންދުރާ އާއި ޖަޔާ ބައްޗަންގެ އިތުރުން ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.

ކަރަންގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.