Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ސެމީއަށް ދިއުމުގެ އަމިއްލަ ބާރު ރާއްޖެ އަށް ގެއްލިއްޖެ

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގައި ލުބްނާން އަތުން 1-0 އިން ބަލިވެ މުބާރާތުގެ ސެމީފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު ރާއްޖެ އަށް ގެއްލިއްޖެ އެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ރާއްޖެ އަށް ލިބުނީ ތިން ޕޮއިންޓް ކަމަށްވާއިރު ސެމީގެ ފުރުސަތެއް ރާއްޖެ އަށް ލިބެން އޮތީ މި ގްރޫޕުގައި މިރޭ ބޫޓާނުން 3-0 އިން ބަންގްލަދޭޝް އަތުން މޮޅުވެއްޖެނަމަ އެވެ. އެ ނޫން ނަތީޖާއެއް ނިކުމެއްޖެ ނަމަ ރާއްޖެ މުބާރާތުން ކަޓާނެ އެވެ.

މިއަދުގެ މޮޅާއެކު ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ލުބްނާން ސެމީ އަށް ދަތުރުކޮށްފައިވާއިރު ސެމީގައި އެ ޓީމު ބައްދަލުކުރާނީ އިންޑިއާއާ އެވެ.

އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ލުބްނާނުން ކާމިޔާބު ކުރީ މެޗުގެ 24 ވަނަ މިނެޓްގަ އެވެ. ލުބްނާނަށް ލިބުނު ހިލޭޖެހުމަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން، ހަސަން މާތޫކް އެވެ. މި ގޯލަށްފަހު ވެސް ލުބްނާނަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.

ދެވަނަ ހާފްގައި ރާއްޖެ އިން ކުޅުން ރަނގަޅުކޮށް ލުބްނާންގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރި ނަމަވެސް ނަތީޖާ އެއްވަރުކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.