ސަރުކާރުންގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މާލެ ރައްޔިތުންނަށް ބިން ދޫކުރުމަށް ހިންގި 'ބިން ވެރިޔާ' ސްކީމުގެ ދަށުން އާންމު ކުރި ލިސްޓުގައި ހުރި މައްސަލަތައް ދައިމީ ލިސްޓުގައި ރަނގަޅު ކުރާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުން މިކަން ހާމަކޮށްފައިވަނީ، ލިސްޓުގައި ޝަރުތު ހަމަ ނުވާ މީގެ 3 އަހަރުކުރިން ދިވެހި ރައްޔިތުކަން ލިބުނު ދިވެއްސަކާއި އިނދެގެން އުޅޭ މީހަކަށް ބިން ލިބޭ ކަމަށް އޮތުމުން އެ މައްސަލައަށް ޖަވާބު ދެމުންނެވެ. އެގޮތުން މިމައްސަލަ މިހާރު ކޮމެޓީއަށް ފާހަގަ ވެފައިވާ ކަމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެކަން ދައިމީ ލިސްޓުގައި ރަނގަޅު ކުރާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިމައްސަލާގައި ކަން ހިނގާފައިވާ ގޮތް މިނިސްޓްރީން ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކާއި ހިއްސާކޮށްފައެވެ. މިގޮތުން ހައުސިންގް މިނިސްޓްރީން ވިދާޅުވީ، ލިސްޓުތައް ޗެކް ކުރިއިރު ބެލީ ޑީއެންއާރް ސިސްޓަމްކަމަށް ވުމުން، އޭނާ ކުރިން ރާއްޖެއިން ބޭރުގައި ރެޖިސްޓްރީ ވެފައި އޮވެ، ޑީއެންއާރް ސިސްޓަމުން އިތުރު ރެޖިސްޓްރީއެއް އޮތް ކަމަށް ނުދެއްކީ ކަމަށެވެ. އެހެން ކަމުން އޭނާ ޝަރުތު ހަމަވާ ކަމަށް ލިސްޓަށް އެރީ އެކަމުގެ ސަބަބުން ކަމަށް ބުނިއެވެ.
މީގެ އިތުރުން ލިސްޓުގައި އިތުރު މައްސަލަތަކެއްވެސް ފާހަގަ ކުރެވިފައިވާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި މިމައްސަލަތައް ދައިމީ ލިސްޓުގައި ހައްލު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ބިންވެރިޔާ ސްކީމަށް ކުރިމަތިލި ފަރާތްތަކަކީ މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގައި ރެޖިސްޓްރީ ވެފައިވާ ފަރާތަކަށް ވެގެން ނުވާ ކަމަށް ސްކީމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. މިހެން ވުމުން އުފަންވީސުރެން މާލެ ސަރަހައްދުގައި ރެޖިސްޓްރީ ވެފައި ނުވާ ފަރާތެއް، މިހާރު މާލޭގައި ރެޖިސްޓްރީ ވެފައި އޮތަސް ޝަރުތު ހަމަ ނުވާނެ ކަމަށް އުސޫލުގައި ބަޔާން ކުރެއެވެ.
ބިންވެރިޔާ ޕްރޮގްރާމަށް 15،164 ފޯމް ހުށަހެޅި އެވެ. އޭގެތެރޭގައި ޖޮއިންޓް އެޕްލިކޭޝަންތަކާއިއެކު 23،088 މީހަކު ފޯމު ހުށަހެޅިއިރު އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުން ކަމަށް ހައުސިންގް މިނިސްޓްރީން ވިދާޅުވިއެވެ. ސަރުކާރުން ގެޒެޓްކޮށްފައިވާ ލިސްޓުގައި އޭގެ ތެރެއިން 10،314 މީހަކަށް ގޯތި ލިބޭ ކަމަށް ވަނީ ހާމަކޮށްފައެވެ.